ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ގެނައުމަށް ހުރި ގޮންޖެހުންތަކަށް އެމެރިކާގެ އެހީގައި ހައްލުލިބޭނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެމެރިކާ އެމްބަސީ ގާއިމުކުރިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޫސާ ޒަމީރު ވިދާޅުވީ ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އިތުރަށް ބަދަހިވެ އެކުގައި ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެެވެ. އެގޮތުން މިދިޔަ ޖުލައި މަހު އެމެރިކާ އާއި ރާއްޖެއާއި ދެމެދު 3 ވަނަ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރިމެންޓްގެ މަޝްވަރާތައް ކުރިއަށްދިޔަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއާއި އެމެރިކާއާ ދެމެދު ބަދަހިވަމުން އަންނަ ގުޅުމުގެ ތެރެއިން ޕޭޕަލްގެ ހިދުމަތް ތަޢާރަފްވުމުން އިގްތިސާދަށް އޭގެ ފައިދާ ކުރާނެކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ކުޑަ މާކެޓެއް ނަމަވެސް އެމެރިކާގެ އެހީގައި ހުރި ގޮންޖެހުންތައް ނައްތާލާ ހިދުމަތް ލިބެން ފެށުމުން އޭގެ ފައިދާ ކުރާނެކަމަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އެމެރިކާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވަމުންދާއިރު، ލަންކާއަށް ނުގޮސް ރާއްޖެއިން ވީސާގެ ކަންކަން ހަމަޖެހޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

އެމެރިކާއާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރެވުނީ 1965 ވަނަ އަހަރުއެވެ.