އިޖުތިމާއީ މައްސަލަަތަކަށް ހައްލު ހޯދުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އުފައްދަވައިފިއެވެ.

އެފަދަ ޖަމިއްޔާއެއް އުފައްދާފައިވާކަން މެޑަމް ސާޖިދާ އިއުލާނުކުރެއްވީ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ 7 ވަނަ ސަމިޓުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ސާޖިދާ ވިދާޅުވީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް އުފައްދެވީ މޭކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށެވެ. އަދި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް އެ ކޮމެޓީ ބައްދަލުވުމުގައި އެކަމަނާ ހިއްސާކުރެއްވިއެވެ.

މިއަހަރުގެ ސަމިޓުގައި އެފްރިކާ އަދި އޭޝިޔާ ބައްރުގެ 14 ގައުމެއްގެ ފަސްޓް ލޭޑީސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ސަމިޓުގައި ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި އަންހެންކުދީންނަށް ތައުލީމުދިނުމަށް އެއްބާރުލުންދިނުމާއި އަންހެނުން ބާރުވެރިކުރުމާއި ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށް މަޝްވަރާކޮށްފައިވެއެވެ.

އެ ސަމިޓުގެ އިފްތިތާހީ ސެޝަންގައި ވާހަކަ ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ދަރިމައިނުވުމާއި މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި އަންހެނުން ބާރުވެރިކުރުމާއި ހަކުރުބައްޔާއި ހައިޕާޓެންޝަން ފަދަ ބަލިތަކާއި އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މެކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

މީގެއިތުރުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި ކެންސަރު ސްކްރީނިންގްއާއި ނަފްސާނީ ސިއްހަތާއި ގުޅުންހުރި ހިދުމަތްތައް ރަނގަޅުކުރުމާއި ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރުމަށް އެހީތެރިވުމުގެ މައްޗަށް ވެސް އެކަމަނާ ވާހަކަ ދައްކަވާފައި ވެއެވެ.