'ހިޔާވެހި' ލޯނު ސްކީމަށް ޝަރުތުހަމަވާ މީހުންނަށް ލޯނު ދޫކުރަން ލަސްވެގެން އަންނަ މަހު ފެށޭ ވަރު ވާނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ފަސް ޕަސެންޓުގެ އިންޓްރެސްޓުގައި ދޫކުރާ އެ ލޯނަށް ކުރިމަތިލުމަށް ހުޅުވާލި ފުރަތަމަ ފުރުސަތުގައި 2،256 ފޯމު ހުށަހަޅާފައިވެއެވެ. އެއީ ރަށްތަކަށް ހާއްސަ "ރަށްވެހި" ސްކީމަށް 1329 ފޯމު، އާބަން ސެންޓަރުތަކަށް ހާއްސަ "ސަހަރު" ސްކީމަށް 586 ފޯމު އަދި ފުރަމާލެއަށް ހާއްސަކޮށްފައިވާ "ފަހިމާލެ" ސްކީމަށް 341 ފޯމެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ލޯނު ސްކީމަކީ ސަރުކާރުން ފަސް ޕަސެންޓަށް ސަބްސިޑައިޒްކޮށްގެން ކުރިއަށް ގެންދާ ސްކީމަކަށް ވާތީ، މާލީ އިދާރާތަކާ އެކު ސޮއިކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދާ ކަމަށެވެ.

އެ އިދާރާތަކާ އެކު ސޮއިކޮށް ނިމުނުހާ އަވަހަށް އެ އިދާރާތައް މެދުވެރިކޮށް ފޯމުތައް ޗެކްކުރުމަށް ފަހު، ޝަރުތުހަމަވާ މީހުންނަށް ލޯނު ދޫކުރުން ކުރިއަށް ގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ލޯނު ސްކީމް މިދިޔަ ނޮވެމްބަރު މަހު އިފްތިތާހުކުރީ ބޯހިޔާވަހިކަން ހޯދުމުގައި ރައްޔިތުންނަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ މަގްސަދުގައެވެ. އަދި މި ޕްރޮގްރާމްގައި ހިމެނޭ ވަސީލަތްތަކުގެ އެހީގައި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތި ހާލުގައި އުޅޭ އެތައް އާއިލާތަކަކަށް ގެދޮރުގެ ތަނަވަސްކަން ހޯދުމަށް މަގުފަހިވެގެން ދާނެއެވެ.