ކަފިހުރަހުން ހުރަސްކުރަމުން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލި މީހަކު ހައްޔަރުކޮށް، ބަންދުކޮށްފިއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މިދިޔަ ހޯމަ ދުވަހުގެ މެންދުރު 2 ޖަހާކަން ހާއިރު ހިނގި މި ހާދިސާގައި 54 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ވެފައެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދާ ކަމަށެވެ.
އެ މީހާގެ ގައިގައި ސައިކަލުން ޖައްސައި ފިލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ހައްޔަރުކުރީ މޫންލައިޓްވިލާ / ގއ. މާމެންދޫ، އުމުރުން 20 އަހަރުގެ މުހައްމަދު ނާޝިއު އެވެ. ފުލުހުން ބުނީ، ނާޝިއުގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށެވެ.
ނާޝިއުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ހާޒިރުކުރުމުން، ކޯޓުން އަމުރުކުރީ އޭނާ ހަ ދުވަހަށް ބަންދުކުރުމަށެވެ.
މި މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.