ފެން ބިލު ނުދައްކާތީ، މާލޭގައި ހުންނަ ފެނަކައިގެ މައި އޮފީހުން މިއަދު ފެން ކަނޑާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ފެނަކައިގެ މައި އޮފީސް ހިންގާ އެމްޕީއެލްގެ އިމާރާތެއް ކަމަށްވާ ޕޯޓްސް ކޮމްޕްލެކްސްގެ ތިން ފްލޯ އިން ފެން ކަނޑާލާފައިވަނީ ފާއިތުވި 4 އަހަރު ފެން ބިލު ނުދައްކައިގެންނެވެ.

2019 ވަނަ އަހަރުން ފެށިގެން ފެނަކައިން ދައްކަން ޖެހޭ ފެން ބިލްތަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަރާފައިވާއިރު، އެ ބިލްތަކަށް ފައިސާ ދައްކަން އެމްޕީއެލް އިން ތަކުރާރުކޮށް އެދިފައިވެއެވެ. އެހެންނަމަވެސް އެމްޕީއެލްއިން އެދުނު ގޮތަށް ފެނަކައިން ބިލު ދައްކާފައި ނުވާއިރު މިކަމާ ގުޅިގެން އެ ކުންފުނިން، އެމްޕީއެލް އާއި އެއްވެސް އިތުރު ވާހަކައެއްވެސް ދައްކާފައެއް ނުވެއެވެ.

މިކަމާ ގުޅޭ ގޮތުން އަދި މިހާތަނަށް ފެނަކައިން އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާއިރު ކަމާ ގުޅޭ އެހެން އިދާރާއެއްގެ ރަސްމީ ބަހެއްވެސް އަދި ލިބިފައެއް ނުވެއެވެ.

ނިމިގެން ދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތޮ ތުހުމަތުތަކެއް ކޮށްފައިވާ އަދި ގިނަ ބަޔަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތް ފެނަކައިން 2022 ވަނަ އަހަރުގެ ނިޔަލަށް އެކަނި ވެސް ދަރަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ވަނީ އަރާފައެވެ.