ސަރުކާރުގެ ހުރިހާ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތައް އޭސީ ކުރުމަށް ހިންގާ "ކޫލް ސްކޫލް" މަޝްރޫއު އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފި މި ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް މިއަދު ވަނީ ފެނަކަ އާއި ހަވާލުކޮށްފައެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރަން ކުރިއަށް ގެންދާ 'ކޫލް ސްކޫލު' މަޝްރޫއުގެ ދަށުން، ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫއު ފެނަކައާ ހަވާލުކޮށްފައި ވަނީ 54 މިލިއަން ރުފިޔާ އަށެވެ. މިދިޔަ ނޮވެންބަރު މި މަޝްރޫއަށް ޗައިނާއިން ވެސް ވަނީ އޭސީތަކެއް ހަދިޔާކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ސްކޫލްތަކުން ކަރަންޓު ބިލަށް ދައްކާ އަދަދަށް 38 އިންސައްތަ އިތުރުވާނެ ކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އަދި ހަމަ އެހެންމެ ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތަކުގައި ހަރުކުރާ އޭސީތަކަށް ދޭ ކަރަންޓުގެ 30 ޕަސެންޓް ވާނީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކޫލް ސްކޫލު ޕްރޮޖެކްޓަކީ ސްކޫލްތައް ފިނިކުރުމުގެ ގޮތުން ސްކޫލުތަކުގައި އޭސީ ހަރުކުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެކެވެ.