ކުންފުނީގެ ބޭނުމަށް ދޯންޏެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން އިއުލާން ކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، ބިޑް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށާއި ބިޑަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށެވެ.
ފެނަކައިން ބޭނުން ވަނީ 150 ޓަނުގެ މުދާ ނުވަތަ ވެހިކަލް އުފުލޭ ވަރުގެ ދޯންޏެކެވެ. ދިގު މިނުގައި 90 ފޫޓާއި 95 ފޫޓު ހުންނަން ވާނެ ކަމަށާއި އަދި ފުޅާ މިނުގައި 30 ފޫޓާއި 40 ފޫޓުގެ ބޮޑު މިނުގައި ހުންނަން ވާނެ ކަމަށް ފެނަކައިން ބުނެއެވެ. ކޮންމެ ބިޑެއްގައި ވެސް ބިޑަށް ހުށަހަޅާ ޖުމްލަ އަދަދުގެ 15 ޕަސެންޓަށް ވާ އަދަދުގެ ބިޑް ސެކިއުރިޓީ އެއް ދިވެހި ރުފިޔާއިން ހިމަނަން ޖެހޭ ކަމަށް ވެސް ފެންަކައިން ބުނެއެވެ.
ބިޑް ރަޖިސްޓްރީ ކުުރުމުގެ މުއްދަތު މި މަހުގެ 16 ވަނަ ދުވަހަށް ހަމަވާ އިރު، ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 17 ވަނަ ދުވހުގައި ކަމަށް ފެނަކައިން ބުނެއެވެ.
މިދިޔަ އަހަރު ތެރޭގައި ވެސް ފެނަކައިން ވަނީ މަހަކު 4 ލައްކަ ރުފިޔާ ދޭ ގޮތަށް ދޯންޏެއް ކުއްޔަށް ނަގާފައެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ ކުންފުންޏަށް އަމާޒުވެ ކޮރަޕްޝަން ހިންގާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރިއެވެ.
މިކަމާ ގުޅިގެން ފެނަކައިން ބުނެފައި ވަނީ މީގެ ކުރިން ދޯނި ކުްޔަށް ނަގަމުން އައީ ދަތުރަށް ވަކިން ފައިސާ ދޭ އުސޫލުން ކަމަށާއި އެ ގޮތށް ކުލި ދެއްކުމަކީ މާ ހަރަދު ބޮޑު ކަމެއް ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ މަސައްކަތަށް ބޭނުންވާ ދޯނި މަހު ކުއްލި ދައްކާ ގޮތަށް ނެގުމަކީ ކުންފުންޏަށް ފައިދާ ވާނެ ކަމެއް ކަމަށް ފެނަކައިން ބުނެފައި ވެއެވެ.