ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓް ހެދުމުގެ މަޝްރޫއު ނިމުމާ ގާތްވެފައި ވަނިކޮށް އެ މަޝްރޫއު ހުއްތާލައި އެ ތަނުން މުވައްޒަފުން ވަކި ކުރަމުންދާ ކަމަށް ބުނެ އެމްޑީޕީން ކަންބިޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން ބުނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީގައި ގާއިމް ކުރަމުންދާ ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމަށް އަޅަމުންދާ ބޮޓްލިން ޕްލާންޓްގެ މަޝްރޫއުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ، އެ ޕްލާންޓަކީ ހޯރަފުށީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ހަދާފައިވާ ޕްލާންޓެއް ކަމަށާއި އަންނަ މަހުން ފެށިގެން އެ ތަން ބޭނުން ކުރެވޭނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
ފެނަކަ ކޯޕަރޭޝަނުން އަންނަ މަހު އެ ބްޮތްލިން ޕްލާންޓް ހުޅުވާނެ ކަމަށް ބުނެ ދީފައިވާ ޔަގީންކަމާ ހިލާފަށް އެ ޕްލާންޓުގެ މަސައްކަތް ހުއްޓާލާފައިވާތީ ވެސް ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެއެވެ. މި ކަހަލަ ޕްރޮޖެކްޓުތަކަކީ ރަށްރަށުގެ އިގުތިސޯދަށް ދިރުން ގެނެސްދީ، އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ޕްރޮޖެކްޓުތަކެއް ކަމަށާއި އަދި އަންނަ މަހު ހިދުމަތް ދޭން ފެށުމުގެ ކުރިން މި ޕްރޮޖެކްޓު ހުއްޓާލައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ހޯރަފުށީގެ ރައްޔިތުންނަށް ސަރުކާރުން ދޭ ބޮޑު ނިކަމެތި ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އިގުތިސާދީ ނަފާ ހޯދުމަށް ކައުންސިލުތަކުން ކުރަމުން ގެންދާ މިފަދަ މަސައްކަތްތަކަށް ހުރަސްއެޅުން ހުއްޓާލައި، ސަރުކާރުން ސިޔާސީ ބޭނުމުގައި ޕްރޮޖެކްޓުތައް ހުއްޓުވުމަކީ އެތައް އާއިލާއެއް ހާލުގައި ޖެހެމުންދާނެ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ. ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާ ނުލުމަށާއި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަލުން އިޔާދަކޮށްދިނުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.