އިޒްރޭލުން ގާޒާ ތަޅާ ސުންނާފަތި ކުރާތާ 45 ދުވަސް ވެފައި ވާ އިރު އިޒްރޭލާއެކު ސުލްހަ ގާއިމު ކުރުމާ ގާތަށް ދެވިއްޖެ ކަމަށް ހަމާށް އިން ބުނެފިއެވެ.

ހަމާސްގެ ޕޮލިޓިކަލް ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވީ، ކުރިއަށް އޮތް މަޑު ގަޑިއިރުތަކެއްގެ ތެރޭގައި ސުލްހައިގެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަ ކުރާނެ ކަމަށެވެ.

ބައެއް މަސްދަރުތަކުން ބުނާގޮތުން އޭގައި ހިމެނެނީ، މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމާއި، ގާޒާއަށް އިންސާނީ އެހީ ފޯރުކޮށް ދިނުމާއި ހަމާސް އިން އިޒްރޭލަށް އަރާ އަސީރު ކުރި މީހުން ދޫކޮށްލުމެގެ އިތުރުން ފަލަސްތީނަށް އަރާ އިޒްރޭލުން ރަހީނު ކުރި މީހުން ދޫކޮށްލުމެވެ.

ގަތަރުގައި ހުންނަވާ ހަނިއްޔާ ކުރެއްވި ޓެލެގްރާމް ޕޯސްޓެއްގައި އެހެން ވިދާޅުވި ނަމަވެސް އިތުރު ތަފްސީލުތަކެއް ދެއްވާފައެއް ނުވެއެވެ.

ހަނިއްޔާގެ މި ސްޓޭޓްމަންޓް އައުމުގެ ކުރިން އެމެރިކާގެ ވައިޓްހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ކާބީވެސް ވަނީ މިމޭރުުމުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ހަމާސް އިން އަސީރު ކުރި މީހުން މިނިވަން ކުރުމާ ގުޅޭ ގޮތުން ކުރެވެ މަޝްވަރާތައް ނިމުމަކާ ގާތްވެފައި ވާ ކަމަށެވެ. މިދިޔަ ހޯމަ ދުވަހު އޭނާ އެހެން ވިދާޅުވި ނަމަވެސް އޭގެ އިތުރު ތަފްސީލެއް މިއަދާ ހަމައަށް އާންމުވެފައެއް ނުވެއެވެ.

ގަތަރާއި، އެމެރިކާ، އިޒްރޭލާއި ހަމާސް ހިމެނޭހެން މަޝްވަރާ ކުރަމުން ދާކަމަށް ހުސްވި ހަފްތާގައި ހަބަރުތައް ފެތުރުނެވެ.

ހަނގުރާމަ މިހާތަނަށް އައިއިރު އިޒްރޭލުން ވަނީ ޕަލަސްތީނުން 13،000 މީހަކު ޝަހީދު ކޮށްލައި 30،000 މިހަކު ޒަހަމްކޮށްލާފައެވެ. އަދި ހުޅަނގު އައްސޭރި ހިމެނޭހެން ރަހީނު ކޮށްގެން އިޒްރޭލަށް ގެންގޮސްފައި ވާ ފަލަސްތީން މީހުންގެ އަދަދު 6000 އިން މައްޗަށް އަރައެވެ.

އިޒްރޭލުން ގާޒާގައި ހިންގާ އުދުވާނުގައި ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ހިފާފައި ވާއިރު ދެން އެންެމެ ގިނަ ބަޔަކު ތިބި އިންޑޮނީޝިއަން ހޮސްޕިޓަލްވެސް މިހާރު ވަނީ ހިސޯރު ކޮށްފައެވެ. އިތުރު 21 މެޑިކަލް ފެސިލިޓީއެއް ވަނީ ހަލާކުކޮށްލާފައެވެ. އދ އިން ހިންގާ ސްކޫލުތައް ވަނީ ގޮއްވާލާފައެވެ. ޝަހީދު ވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ އިރު މުޅި ގާޒާގެ 90 ޕަސެންޓް ވަނީ ދިރުމެއް ނެތް ސަހަރާއަކަށް ހަދާފައެވެ.