މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ރީބްރޭންޑް ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެ އިސްތިހާރު ކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައިސަލް ވިދާޅުވީ ކައުންސިލެއް އެކުލަވައިލި ނަމަވެސް އެ ކައުންސިލާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރަމުންދާނީ މިހާރު ވެސް އެ މަސައްކަތް ކުރަމުންދާ އެމްއެމްޕީއާރުސީން ކަމަށެވެ.

ފައިސަލް ވިދާޅުވީ އެމްއެމްޕީއާރްސީ ރީބްރޭންޑު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި އެތަނަށް އެމްޑީއެއް އައްޔަން ކުރެއްވުމަށްފަހު އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުން ރައީސް މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވޭ އެމްއެމްޕީއާރުސީ ރީބްރޭންޑު ކުރަން."
މިނިސްޓަރު ފައިސަލް

ފައިސަލް ވިދާޅުވީ މަސައްކަތްކުރައްވާނީ މިހާރު ހުރި މާކެޓުތަކަށް އަމާޒުކުރުމުގެ ބަދަލުގައި އިތުރު މާކެޓުތަކުންވެސް ފަތުރުވެރިން އިތުރުކުރުމަށް ކަމަށެވެ. އަދި ވިޒިޓާ އިކޮނޮމިކް ކައުންސިލާއި އިކޮނޮމިކް ކައުންސިލްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކުރެވޭ މަސައްކަތުގެ ވަރަށް ބޮޑަށް ނަތީޖާ ރަނގަޅުވެގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި 1.3 ބިލިއަން ރުފިޔާގެ ފައިސާ 155 މީހެއްގެ އެކައުންޓަށް އެސްއޯއެފް ކުންފުންޏެއް މެދުވެރިކޮށް ޖަމާ ކޮށްފައި ވާކަން އޭސީސީއިން އާންމުކުރި ތަހުގީގީ ރިޕޯޓުން ހާމަވެފައި ވާއިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ ފުލުހަށާއި އެ ކޮމިޝަނަށް ވެސް ހާޒިރު ކޮށްފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހަކު ހިމެނޭއިރު ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ވެސް ހިމެނެއެވެ.