ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހަށް ކުށުގެ ރިކޯޑް ސާފުކުރުމަށް ހުށަހަޅާ ފަރާތްތަކަށް، 10 މިނިޓު ތެރޭ ކުށުގެ ރެކޯޑު ބެލޭނެ އިންތިޒާމު ޕީޖީ އިން ހަމަޖައްސައިފިއެވެ.
ޕީޖީން އޮފީހުން ބުނެފައިވަނީ ކުށުގެ ރިކޯޑް 10 މިނުޓް ތެރޭ ބެލޭނެ އިންތިޒާމު ޕީޖީ ހުސައިން ޝަމީމް ހަމަޖައްސައި ދެއްވާފައިވާކަމަށެވެ. އަދި މިއީ އެކި ބޭނުންތަކަށް، ކުށުގެ ރެކޯޑް ސާފު ކޮށްދިނުމުގެ ހިދުމަތް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށައަޅާ ހުށައެޅުންތަކަށް އަވަސް، ހަރުދަނާ އަދި އިތުބާރު ހުރި ގޮތަކަށް ޖަވާބު ދިނުމަށްޓަކައި އަމަލުކުރަން ފެށި ގޮތެއް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޕީޖީ އިން ބުނީ ކުށުގެ ރެކޯޑު ސާފުކޮށްދިނުމަށް އެދި ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ލޮގްއިން ކުރުމަށްފަހު މެނޫއިން ކުށުގެ ރެކޯޑު ސާފުކުރުމުގައި ބައި ނަގުމަށް ފޮނުވާލުމުން ނިމުނީ ކަމަށެވެ. އަދި ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު، އެ ޕޯޓަލުން ޖަވާބު ޑައުންލޯޑް ކުރެވޭ ގޮތަށް ހަމަޖައްސައިދޭނެ ކަމަށާ މި ހިދުމަތް، އީފާސް މޯބައިލް އެޕުންވެސް ލިބޭނެ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޕީޖީ އިން ބުނީ ކުށުގެ ރެކޯޑު ސާފުކޮށްދޭނީ މަސައްކަތު އެއްދުވަހުގެ ތެރޭގައިކަމަށް އޮތްކަމުގައި ވިޔަސް، ކުށުގެ ރެކޯޑެއް އޮވެގެން ކޯޓުގައި މައްސަލަ އޮތް ހާލަތު ބަލަންޖެހޭނަމަ، ނުވަތަ އެނޫންވެސް ފަންނީ ސަބަބެއް މެދުވެރިވެ، އިތުރަށް ބަލަންޖެހޭ ކަންކަން ހުރެއްޖެނަމަ، އެއް ދުވަހުގެ ތެރޭގައި ޖަވާބު ނުލިބިދާނެ ކަމަށެވެ.
އެހެން ނަމަވެސް، މިއީ ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހެޅޭ ފޯމުތަކުގެ ތެރެއިން ގިނަވެގެން %10 ފޯމަށް ދިމާވާ ހާލަތެއް ކަމަށާ ބާކީ %90 ފޯމަށް އެއް ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ ކަމަށެވެ.