އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށާއި، އެ ގައުމުން ބޭރުކުރާ ތަކެއްޗާއި އުފެއްދުންތައް ރާއްޖެ އަށް އެތެރެކުރުން މަނާކުރުމަށް ގޮވާލައްވައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރު މަޖިލީހުން ބަލައިގަނެ، ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވާލައިފިއެވެ.

ސައުދު ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގައެވެ. އެ ގަރާރަށް ބަހުސްކުރެއްވި ހުރިހާ މެންބަރުން ވެސް ވަނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައްވައިފައެވެ. މީގެ އިތުރުން، އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެނުވެވޭ ގޮތް ހެދުމަށް، ގަރާރަށް ބަހުސްކުރެއްވި ހުރިހާ މެންބަރުންހެން ސަރުކާރަށް ގޮވާލާފައިވެއެވެ.

ގަރާރަށް ބަހުސްކޮށް ނިންމާލައި، ގަރާރު ބަލައިގަތުމާ މެދު މެންބަރުންގެ ވޯޓަށް އެހުމުން، ހާޒިރުވި 68 މެންބަރުން ވެސް ވަނީ ސައުދު ހުށަހެޅުއްވި ގަރާރު ބަލައިގަންނަން ނިންމައިފައެވެ. އެހެންކަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ ގަރާރު އިތުރަށް ދިރާސާކުރުމަށްޓަކައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވާލައްވައިފައެވެ.

ސައުދު ހުށަހެޅުއްވި ގަރާރުގައި ގޮވާލެއްވި ކަންކަމަކީ:

  • އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށް ވަގުތުން ހުއްޓާލުމަށް ގޮވާލުމަށް
  • ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލުމަށް
  • ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިންތިޒާމު ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން ހަމަޖެއްސުމަށް އދ ގެ ގައުމުތަކަށް ގޮވާލުމަށް މަޖިލީހުން ފާސްކުރުމަށް
  • އިޒްރޭލާ އެކު ގުޅުމެއް އޮތް ނަމަ ވަގުތުން ގުޅުން ކަނޑާލުމަށް

މި ގަރާރުގައި ސައުދު ވަނީ، ފަލަސްތީނުގެ ޣައްޒާގައި ތިބި އާންމުންނަށް ދަތިކޮށް އިޒްރޭލުން އިންސާނީ ކަރާމާތް ނިގުޅައިގަންނަން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފެނާއި ކަރަންޓާއި، ބޯފެނާއި ސިއްހީ ފަރުވާގެ ހިދުމަތް ހުއްޓުވާފައި އޮތުމާއި، ކާބޯތަކެތި ޣައްޒާ އަށް އެތެރެވިޔަ ނުދިނުމަށް އެ ރަށް ވަށައިގެންވާ ހުރިހާ ޗެކްޕޮއިންޓުތަކާއި ދޮރުތައް ބަންދުކޮށްފައި އޮތް އޮތުން ސައުދު ވަނީ ކުށްވެރިކުރައްވައިފައެވެ.

ދާދިފަހުން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރަށް ލަފާދޭން ނިންމައިފައެވެ. ހަމަ އެއާއެކު ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އިމިގްރޭޝަންގެ ގާނޫނު އިސްލާހުކޮށް، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ބިލެއް އިއްޔެގެ ވަގުތެއްގައި މަޖިލީހަށް ހުށަހަޅުއްވައިފައެވެ.