ހަނދަށް ދިޔުމުގެ ރޭހުގައި ދުނިޔޭގެ ކުރިއަރާފައި ވާ ގައުމުތަކުން ވާދަކުރަމުން ދާ އިރު ބިމުގައި ތިބެގެން ހަނދުގެ ދިސާރާ ކުރާ އެތައް ބަޔަކުވެސް އުޅެއެވެ.
ހަނދަށް ދިޔުމުގައި މިހާތަނަށް 4 ގައުމަކުން ކުރި ހޯދާފައި ވާ އިރު, އެއީ ސޯވިއެޓް ޔޫނިއަން [ރަޝިއާ], އެމެރިކާ, ޗައިނާ އަދި އިންޑިއާއެވެ.
އެމެރިކާ އާ ހިލާފަށް ހަނދުގެ އަނދިފި ފަރާތަށް ދިޔުމަށް ޗައިނާ, ރަޝިއާ އަދި އިންޑިއާއިން މަސައްކަތް ކޮށްފައި ވާ އިރު އެދަތުރު ކާމިޔާބު ކުރި ފުރަތަމަ ގައުމަކީ އިންޑިއާ އެވެ. މީގެ ދެމަހެއް ކުރިން އިންޑިއާއިން ހަނދުގެ އަނދިރި ފަރާތަށް ދިޔަ އިރު, ހަމަ އެފަރާތަށް ދިޔުމަށް އެމުއްދަތުގައި ދަތުރު ކުރި ރަޝިއާގެ އުޅަނދު ހަނދަށް ތިރި ނުކުރެވެނީސް ގޮވައި ވެއްޓުނީއެވެ.
އޭގެ މާކުރިން, މިދިޔަ އަހަރުގެ މާޗް މަހު ޗައިނާއިން ހަނގުގެ އަނދިރި ފަރާތަށް ރޮކެޓެއް ފޮނުވާލިއެވެ. އެއަށް ވީގޮތެއް ނޭނގި ހޯދުންތައް ހޯދާ ފަރާތްތަކުން ދިރާސާ ކުރަމުން ގޮސް, އެ ކަން ވީގޮތް ދެނެގަނެ ހާމަ ކޮށްފިއެވެ.
އެމެރިކާގެ އެރިޒޯނާ ޔުނިވާސިޓީގެ ސައިންޓިސްޓުން ހޯދި ހޯދުންތަކުގެ އަލީގައި އެކުވަލާލި ރިޕޯޓެއްގައި ބުނީ, ހަނދުގެ އަނދިރި ފަރާތުގައި އުފެދިފައިވާ 95 ފޫޓުގެ ބޮޑު ވަޅުގަނޑަކީ ޗައިނާއިން 2022 ގެ މާޗް މަހު ފޮނުވާލި ރޮކެޓް ވެއްޓުނު ތަން ކަމަށެވެ. ޗައިނާއިން އެވާހަކަތަކާ އިންކާރުކޮށް ބުނެފައި ވަނީ, އެ ރޮކެޓް ހަނދުގެ އޯބިޓުގެ ތެރެއަށް ވަންނަނިކޮށް ގޮވާ ކުދިކުދި ވީ ކަމަށެވެ. އަދި ރޮކެޓު ފޮނުވާލުމަށް ބޭނުން ކުރާ މައި ބުޑުގަނޑު ދުނިޔޭގެ ސަތަހައަށް ވަނުމާއެކު ގޮވާ ކުދިކުދި ވީ ކަމަށެވެ.
މިވާހަކަތައް ދޮގުކޮށް އެރިޒޯނާގެ ރިޕޯޓުގައި ބުނީ, އެ ބުނާ ބުޑުގަނޑު ދުނިޔޭގެ ސަތަހައަށް ވަދެފައި ނުވާ ކަމަށެވެ. އަދި ބިމުގައި ތިބެ, މާސިންގާ ޓެލެސްކޯޕްތައް ބޭނުން ކޮށްގެން ބެލިބެލުމުންނާއި ޗައިނާގެ ރޮކެޓް ބިމުން އުދުއްސާލީންސުރެ ދަތުރު ކުރި މިސްރާބާއި ސްޕީޑާއި އެނޫންވެސް ވަށައިގެން ހުރި މައުލޫމާތު އެއްކޮށް ބެލި އިރު ޔަގީން ކުރެވެނީ އެއީ ޗައިނާގެ ރޮކެޓް ކަމަށެވެ.
މީގެ ކުރިން ސައިންޓިސްޓުން ހީކުރީ އެއީ އެކްސްގެ ބާނީ އެލޮން މަސްކުގެ ސްޕޭސް އެކްސް އިން 2015 ވަނަ އަހަރު ހަނދަށް ދާން ފޮނުވާލި ރޮކެޓުގެ ބައެއް ކަމަށެވެ. ނަމަވެސް އެ ރޮކެޓް އޯބިޓުގެ ތެރޭގައި ގޮވާ ކުދިކުދިވެފައި ވާ ކަމަށާއި ޗައިނާއިން އަރުވާ ރިކެޓުތަކުގެ ބުޑުގަނޑަކީ އޭގެ ޒާތުގައި އަމިއްލަ އަށް ގޮވާ ކުދިކުދިވާ ގޮތަށް އުފައްދާފައި އޮންނަ އެއްޗަކަށް ނުވާތީ އެ ވެއްޓިފައި ވަނީ ހަނދަށް ކަމަށެވެ.
ދާދި ފަހުންވެސް ޗައިނާއިން ފޮނުވާލި ރޮކެޓެއްގެ ބުޑުގަނޑު ދުނިޔޭގެ ސަތަހައިގެ ތެރެއަށް ވަދެ ނުގޮވާ ދުނިޔެއަށް ވެއްޓުނު ހާދިސާއެއް ހިނގާފައި ވެއެވެ. މާސިންގާ ޓްރަކް ލޮރީގެ 2 ލޮރީގެ ސައިޒުގެ އެ ބުޑުގަނޑު ވެއްޓި ބައެއް ސަރަހައްދުތަކަށް ގެއްލުންވި ވާހަކަވެސް ހަބަރުތަކުގައި ރިޕޯޓު ކުރިއެވެ.
ޗައިނާގެ މި ރޮކެޓަކީ، އެގައުމުން ޖައްވުގައި ގާއިމު ކޮށްފައިވާ ސްޕޭސް ސްޓޭޝަނަށްް ދަތުރު ކުރި ރޮކެޓެކެވެ. ޗައިނާގެ ރޮކެޓްތައް ޑިޒައިން ކޮށްފައި ހުންނަ ގޮތުން، ރޮކެޓާ ވަކިވާ ބޫސްޓަރުގެ ބޮޑުކަމާއި ބޭނުންކޮށްފައި ހުންނަަ މައުދަންތަކުގެ ސަބަބުން ދުނިޔެއަށް ވެއްޓޭ އިރު، އޭގެ ޒާތުގައި އަނދައިގެން ދިޔުން ނުވަތަ ކުދިކުދިވެގެން ދިޔުމާއި، އެ ވެއްޓޭ މިސްރާބް ކޮންޓްރޯލް ކުރެވޭކަމަށް ނުހުރެއެވެ.