7 އަހަރު ބޭނުންކުރުމަށް ފަހުވެސް ސިނަމާލެ ބްރިޖުގެ ހާލަތު އަދިވެސް އޮތީ ވަރަށް ރަނގަޅަށް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ވިދާޅުވީ ސިނަމާލެ ބްރިޖުގެ އިންސްޕެކްޝަންގެ މަސައްކަތް ޗައިނާގެ ޕްރޮފެޝަނަލް ޓީމަކުން ކޮށްފައިވާކަމަށާއި، އިންސްޕެކްޝަނަށް ފަހު މި ބްރިޖު 7 އަހަރު ބޭނުންކުރުމާއެކުވެސް އޮތީ ރަނގަޅު ހާލަތެއްގައި ކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ސަފީރު ވިދާޅުވީ މި ޓީމާ ބައްދަލުކުރައްވާފައިވާ ކަމަށާއި، ބްރިޖު މިފަދައިން އޮތުމުގެ މައިގަނޑު ސިއްރަކީ މި ޓީމުގެ އިންސްޕެކްޝަންގެ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. މީގެއިތުރުން ސަފީރު ވިދާޅުވީ މި ޓީމަކީ ކުޅަދާނަ އިންޖިނިއަރުންތަކެއް އެކުލެވިގެންވާ ޓީމެއް ކަމަށެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ނިންމާ ރަސްމީކޮށް ބްރިޖު ހުޅުވީ 2018 ވަނަ އަހަރު އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. މިއީ މިހާތަނަށް ރާއްޖޭގައި އުމްރާނީ ތަރައްގީގެ ރޮނގުން ހިންގާފައިވާ އެންމެ ބިޔަ މަޝްރޫއަށް ވާއިރު، މި ބްރިޖަކީ ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ ރަމްޒީ ނިޝާނެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ބްރިޖަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކޮށްފައިވާ ބްރިޖެކެވެ. މި ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތްތައް ބްރިޖް ހުޅުވި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ބަލަހައްޓަނީ ބްރިޖު އިމާރާތްކުރި ޗައިނާގެ ކުންފުނިންނެވެ.