މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ދެ އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއެކު 9 މީހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންތަކުގެ ތެރެއިން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ފޭދޫގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް ދިވެހި 8 ފިރިހެނުން ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ 20 އަހަރުގެ މީހަކާ، 26 އަހަރުގެ މީހަކާ، 27 އަހަރުގެ މީހަކާ. 30 އަހަރުގެ މީހެއްގެ އިތުުރުން 31 އަހަރުގެ މީހަކާ، 33 އަހަރުގެ މީހަކާ، 36 އަހަރުގެ މީހަކާ އަދި 45 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅާ ފިލްމު ހުސްކުރި ހަތަރު ދަޅު އަދި ކަރުދާސްކޮޅެއް ފެނިފައި ވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކާ ގުޅުންހުރި އެހެން ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 17 ވަނަ ދުވަހުގެ ރޭ އެ ގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި މަހުގެ 15 ވަނަ ދުވަހު ހުޅުމީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ މަސައްކަތްކުރާ ބޯޓު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތަރު ދަޅާ، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި އެހެނިހެން ތަކެތި ފެނިފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުންގެ ދަނީ ތަހުގީގު ކުރަމުންނެވެ.