އިމިގްރޭޝަންގެ ގާނޫނު އިސްލާހުކޮށް އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

މޮސްޓާ ވިދާޅުވީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން އެކި އިސްލާމީ ގައުމުތަކަށް ހާއްސަކޮށް ގާޒާގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، އިޒްރޭލުގެ އެ އަމަލުތައް ހުއްޓުވުމުގެ އިތުރުން މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން އިޒްރޭލަށް ފައިދާއެއް ލިބޭނެ ދޮރުތައް ބަންދު ކުރުން ކަމަށެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުއަށް ގެނައުމަށް މޮސްޓާ ހުށަހަޅުއްވާފައިވާ ބަދަލަކީ އެ ގާނޫނުގެ 8 ވަނަ މާއްދާ (ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުން)ގެ (ހ)އަށް އިޒްރޭލް ޕާސްޕޯޓްގައި އެތެރެވާ މީހުން އިތުރު ކުރުމެވެ.

ދިވެހިރާއްޖެ ވެސް ހިމެނޭ، އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެކި ގައުމުތަކުން އިޒްރޭލްގެ ޕާސްޕޯޓްގައި އަންނަ ފަރާތްތައް އެ ގައުމުން އެތެރެވުން މަނާ ކުރުމަށް އެކި ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކޮށް މޮސްޓާ ވިދާޅުވީ ދިވެހިރާއްޖެއިން ވެސް އެ ގައުމުތައް ނަމޫނާއެއް ކަމަށް ބަލާ އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށްޓަކައި ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނަން ޖެހޭ ކަމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަށް ގޮވާލާ މިދިޔަ ބުދަ ދުވަހު އާންމު ރައްޔިތުން ވަނީ ރައްޔިތުންގެ މަޖިލީސް ދޮށަށް އެއްވެ އަހްތިޖާޖުކޮށްފައެވެ. އެ އިހްތިޖާޖުގެ ބައިވެރިން ވަނީ އިޒްރޭލުގެ މީހުން އައުން މަނާ ކުރުމަށް އަދި އެ ގައުމުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ނުކުރުމަށް ގޮވާލާ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ މަސައްކަތް އަވަހަށް ނިންމުމަށް ވެސް ގޮވާލާފައެވެ.

އިޒްރޭލުން ފަލަސްތީނަށް ހުއްޓުމެއްނެތި ހަމަލާ ދެމުންދާތާ ދޮޅު މަހާ ގާތްވެފައިވާއިރު އެ ހަމަލާތަކުގައި މިހާތަނަށް 12،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.