ނިޒާމުގައި މައްސަލައެއް ނޫޅޭ ކަަމަށާއި މައްސަލައަކީ އިހުލާސްތެރިކަން ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި މޮސްޓާ ވިދާޅުވީ ކޮންމެ ނިޒާމެއް އޮތް ކަމުގައި ވިޔަސް މައްސަލަ ޖެހިގެން އުޅެނީ ނިޒާމުގައި ނޫން ކަމަށާއި މައްސަލަ ޖެހިގެން އުޅެނީ އިހުލާސްތެރިކަމުގައި ކަމަށެވެ. އަދި އިހުލާސްތެރިކަން ނެތް ނަމަ ކޮންމެ ނިޒާމެއް އޮތް ކަމުގައި ވިޔަސް ރަނގަޅު ވެރިކަމެއް ނުކުރެވޭނެ ކަމަށް މޮސްްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ ވެރިކަމަށް އަންނަން ވެރިން ދައްކާ ވާހަކަތަކާއި އަމަލުތައް ދިމާ ނުވާ ކަމަށާއި ނިޒާމު ބަދަލުކުރަންވެސް އުޅެނީ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަމަށެވެ. އަދި އިއުލާނުކޮށްގެން ވިޔަސް ނޫނީ ބޭހެއް ކާންދީގެން ނުވަތަ ކުޑައިރު ވެކްސިން ޖަހާ އުސޫލުން "އިހުލާސްތެރި ވެކްސިން" އެއް ޖަހައިގެން ވިޔަސް އިހުލާސްތެރި ވެރިއަކު ހޯދަން ޖެހޭ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

"ނިޒާމެއް ނޫން މައްސަލައަކީ މިތަނުގައި ވެރިކަން ކުރާ މީހުންގެ އިހުލާސްތެރިކަން މައްސަލައަކީ. އިހުލާސްތެރި ބަޔަކު ލިބޭތޯ ބަލަންވީ. އިއުލާނުކޮށްގެން ވެސް ނޫނީ ބޭހެއް ކާންދީގެންވެސް ކުޑައިރު ވެކްސިން ދޭހެން ވެކްސިން ކަންނޭނގެ ދޭން ވީ އިހުލާސްތެރި ވެކްސިން ކިޔާފައި. އެހެންނޫން ގޮތަކަށް މިކަމެއް ހައްލެއް ނުވާނެ."
މޮސްޓާ

މޮސްޓާގެ ވާހަކާގައި އެކި އެކި ލީޑަރުންގެ ވާހަކަތަކުން ވަނީ މިސާލު ޖައްސަވާފައެވެ. އެގޮތުން މޮސްޓާ ވިދާޅުވީ އަބަދުވެސް ވެރިކަމަށް އަންނައިރު ކޮންމެ ބަޔަކު ވެސް ވަރަށް އިހުލާސްތެރި ވާހަކަތަކެއް ދައްކަވާ ކަމަށާއި އުމަރު ބުނު ހައްތާބް އަދި އުމަރު ބުނު އަބްދުލް އަޒީޒު ފަދަ ވެރިކަމެއް ގެންނަން ވެގެން ވާހަކަދައްކަވާ ކަމަށް މޮސްޓާ ވިދާޅުވިއެވެ. އަދި ވެރިކަން ކުރަނީ އުތުރު ކޮރިއާގެ ކިން ކުރި ފަދަ ވެރިކަމެއް ކަމަށް މޮސްޓާ ވަނީ ވިދާޅުވެފައެވެ.

މޮސްޓާ ވިދާޅުވީ ވެރިކަން ނިންމާފައި ނިކުންނައިރު ވެރިން ބޭނުންވަނީ މާލީގައި ރަސްކަން ކުރި މަންސާ މޫސާގެ ފަދަ ވެރިއަކަށްވާން ކަމަށާއި އެގޮތުން އެތައް މިލިއަން އަދި އެތައް ބިލިއަން ރުފިޔާއަކާއެއްކޮށް ވެރިކަން ނިންމާލަން ރާއްޖޭގައި ވެރިކަން ކުރާ ވެރިން ބޭނުންވާ ކަމަށެވެ.

ނިޒާމީ ވޯޓެއް ނުނަގާތާ ގިނަ ދުވަސްތަކެއްވެފައި ވާތީ އެކަމާ ގުޅޭ ގޮތުން މެންބަރުން ދައްކަވާ ވާހަކަތަކަށް ރައްދުދެއްވާ މޮސްޓާ ވިދާޅުވީ ދުނިޔޭގައި ތަރައްގީވަމުން އަންނަ ވަރަކަށް ސޯޝަލް މީޑިއާ ތަރައްގީވަމުން އަންނަ ވަރަކަށް ކޮންމެ 15 އަހަރަކުން ވޯޓެއް ނަގަން ގާނޫނު އަސާސީގައި ހިމަނަން ވާހަކަދައްކާ ހެން ހީވާ ކަމަށާއި އެހެންކަމުން ފުރަތަމަ ކަމަކަށް ގާނޫނު އަސާސީގައި ކޮންމެ 15 އަހަރަކުން ޓެކްނޮލޮޖީއަށް ބަދަލު އަންނާތީ ނިޒާމީ ވޯޓެއް ނަގަން ހިމަނަން ޖެހޭ ކަމަށެވެ.

މޮސްޓާ ވިދާޅުވީ ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދޭކަށް ވެރިއަކު ނާންނަ ކަމަށާއި ވެރިން އަންނަނީ އަމިއްލަ ޖީބަށް ކަންތައް ކޮށްދޭން ކަމަށެވެ. އަދި ކޮންމެ މީހަކުވެސް ވެރިކަމަށް އަންނަނީ އެކަން ނުހުއްޓޭހާ ދުވަހަކު މިކަން ރަނގަޅެއް ނުވާނެ ކަމަށް މޮސްޓާ ވިދާޅުވިއެވެ.