ވައްކަން ކޮށްގެން އިންޗިއަކުން އިންޗިއަކުން އަތް ކަނޑާނަމަ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ އަތުގައި އެންމެ ތަންކޮޅެއްވެސް ނުހުންނާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަޖެޓު ބަހުސްގައި މޮސްޓާ ވަނީ ބަޖެޓުގައި ޖެހުމަށްފަހު ނޮޅިވަރަމް ދާއިރާގައި ހިމެނޭ ދެ ރަށުގެ މަސައްކަތްތައް ކުރިއަށް ނުދާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މޮސްޓާ ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުންނެވީ ބިލިއަނަރަކަށް ވެވަޑައިގެންފައި ކަމަށާއި ނިމިދިޔަ ސަރުކާރުން ވައްކަން ނުކުރާ އެއްވެސް ތަނެއް ނެތް ކަމަށެވެ. އެމްބަސީ ތަކުން ފެށިގެން ގޮސް ކުންފުނިތަކާއި ހުރިހާ ތަނަކުން އޮތީ ވައްކަން ކޮށްފައި ކަމަށާއި އެކަމަކު އެ ސަރުކާރު އައީ ވައްކަން ހުއްޓުވަން ބުނެ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ "އުހުދު ފަރުބަދަ ވަރު ވެލި ފަރުބަދައެއް ކުންފުންޏެއްގެ އެމްޑީއަކު ކާލި" ކަމަށާޢި އެކަމަކު އެޅުނު ފިޔަވަޅެއް ނެތް ކަމަށެވެ. އަދި ރައްޔިތުންނަށް ލިބެން ޖެހޭ އެއްޗެއް ނުލިބެނީ ވައްކަން ކުރާތީ ކަމަށްވަންޏާ އަތް ކަނޑަން ޖެހޭ ކަމަށާއި އިންޗިއަކުން އިންޗިއަކުން ކަނޑާ ނަމަވެސް މިއަދު މޫކޭ އާއި އާބްންކޯގެ އެމްޑީ އަހުމަދު އާތިފްގެ އަތުގައި އެންމެ ތަންކޮޅެއްވެސް ނޯންނާނެ ކަމަށާއި އެ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށް ވިދާޅުވެ ތުހުމަތު ކުރެއްވިއެވެ.

މޮސްޓާ ވިދާޅުވީ ކޮންމެ އަހަރަކު ވަރަށް ރީތިކޮށް ޕްރިންޓްކޮށްފައި އޮތް ބަޖެޓު ފޮތެއް މިތަނުން [މަޖިލީހުން] ފެންނަ ކަމަށާއި އެއްވެސް ފަހަރަކު ބަޖެޓަށް އަމަލުކުރާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއަދު ފެންނަނީ ކުރީގެ ސަރުކާރަށް ނިސްބަތްވާ މެންބަރުން މި ބަޖެޓަށާއި މި ސަރުކާރަށް ހަޖޫ ޖަހާތަން ކަމަށާއި އަދި މި ސަރުކާރު ހަވާލުވިތާ 3 ދުވަސް ނުވާ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލް އިންނަވާ ކޮޓަރި ފެނިއްޖެނަމަ ކަރުނަ އަންނާނެ ކަމަށާއި މިދިޔަ ބަޖެޓުގެ ބަހުސްގައިވެސް އެކަން ފާހަގަ ކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން މޮސްޓާ ވިދާޅުވީ 600 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދާ ސްކޫލެއްގައި ޕްރިންސިޕަލް އިންނަވަނީ 8 ފޫޓު 12 ފޫޓަަށްވުރެ ކުޑަ ކޮޓަރިއެއްގައި އޭސީވެސް ޝެއާ ކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން ދާއިރާއަކީ ލައްގާ ހުރައަކަށް ނުވީމަ ނުލައްގާ އެއްވެސް އެއްޗެއް"
މޮސްޓާ

މޮސްޓާ ވިދާޅުވީ ނޮޅިވަރަންފަރަށް ލިބުނީ ފެނަކަ އިންޖީނުގޭގެ ވަށާފާރާއި ފެރީ ޓާމިނަލް އެއް ކަމަށް ބުނެ، އަތްވެއް ވާރޭއެއް ނިވައި ނުވާ ފާޑެެއްގެ ކުޑައެއް ކަހަލަ ތަނެއް ކަމަށެވެ. މި ބަޖެޓުގައި ކޮންމެ އަހަރަކު މަގު ހެދުން އޮންނަ ކަމަށާއި 6 އަހަރު ވެގެން ދިޔަ އިރުވެސް އެކަން ވެފައި ނުވާ ކަަމަށް މޮސްޓާ ވިދާޅުވިއެވެ. އަދި ބަޖެޓުގައި ނޮޅިވަރަންފަރުގައި ނިމިފައިވާ ހައުސިން މަޝްރޫއުވެސް ހިމަނާފައިވާތީ އެކަމާ މޮސްޓާ ވަނީ ފާޑުވިދާޅުވެފައެވެ.

މޮސްޓާ ވަނީ ބަޖެޓުގައި ހިމަނާ ސްކޫލުގެ އިމާރާތް ހެދުމަށް އިއުލާނުވެސް ނުކޮށް، ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅީ ކާކު އެ ރުފިޔާ ކާލައިގެންތޯވެސް ސުވާލު އުފައްދަވާފައެވެ.

މޮސްޓާ ވިދާޅުވީ މާލެ ކައިރީގައި ކަމެއް ކުރަންވެއްޖެ ނަމަ ބަޖެޓުން ބޭރުންވެސް އެކަން ކުރެވޭ ކަމަށާއި އެހެންނަމަވެސް ނޮޅިވަރަމް ދާއިރާއަށް ބަޖެޓުގެ ތެރެއިންވެސް ކަންކަން ނުވާ ކަމަށެވެ. އަދި މާލޭގެ މީހުން ނޫނަސް އެމީހުން ދައްކަނީ 8 ޕަސެންޓް ޓެކްސް ކަމަށާއި އައިޑީކާޑްގައި އޮންނަނީ މާލެ މީހުންހެން 11 ފަންލީ ދިވެހި ރުކުގެ ނިޝާން ޖަހާ، ދެ ފަޅިއަށް ދެ ދިދަލާފައި ކަމަށް ވިދާޅުވެ އެމްޑީޕީ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވިއެވެ.

މޮސްޓާ ވަނީ މިދިޔަ އަހަރަށް އެ ދާއިރާއަށް ކަނޑައެޅި ބަޖެޓަށް ވީ ގޮތެއް ސާފުކޮށްދޭން އެދިވަޑައިގެންފައެވެ.