ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގާ، ދީނަށް ފުރައްސާރަކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގެންފިއެވެ.

އެކަމާ ގުޅިގެން ކުއްލި މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.

މޮސްޓާ ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ދިވެހި ދައުލަތުގެ ފަރާތުން ޖިނާއީ ކުށްތަކުގައި ދައުވާކުރުމުގެ ޒިންމާ މަތިކޮށްފައިވާ ޕްރޮސިކުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ދައުލަތް ތަމްސީލުކުރާ ދައުލަތުގެ ގާނޫނީ ވަކީލެއް ދީނުގެ މަތިވެރި އަހުލާގިއްޔަތާއި އާންމު އަދަބުތަކާއި ދިވެހި މުޖުތަމައު ގަބޫލުކުރުންތަކާ ހިލާފަށް އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ، ފެތުރެމުންދާ ކަމަށެވެ.

އެ ވީޑިއޯގައި އިސްލާމްދީނުގެ އަހުލާގީ ހުރިހާ އުސޫލުތަކާ ހިލާފަށް އުޅޭ ޕްރޮސިކުއުޓަރަކީ ދައުލަތުގެ އެންމެ މުހިއްމު މިނިވަން މުވައްސަސާ ކަމަށްވާ ޕީޖީއިން އާންމުންނާއި މީޑިއާތަކަށް މައުލޫމާތު ދިނުމުގެ ޒިންމާ ހަވާލުވެ ހުރި ވަކީލެއް ކަމަށް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގުމުން ފިޔަވަޅެއް ނޭޅި، ފާހިޝް އަމަލުތައް މުޖުތަމައުގައި އިތުރުވެ، އާދައިގެ ކަންކަމަށް އެފަދަ ކަންކަން ވެގެންދާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް ކަމަށެވެ. އަދި ދައުލަތުގެ އިސްލާމްވަންތަކަމާއި ހައިބަތާއި ކަރާމާތު ހިފެހެއްޓުމަށްޓަކައި ދީނީ އަހުލާގީ މިންގަނޑުތަކާއި އިޖުތިމާއީ އާންމު އަދަބުތައް އިހުތިރާމުނުކުރާ ފަރާތްތަކަށް ސަރުކާރުން ކަނޑައަޅާ އަދަބު ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުން މަޖިލީހުގެ 170 ވަނަ މާއްދާގެ ދަށުން މޮސްޓާ ވަނީ ކުއްލި މައްސަލަ ހުށަހަޅުއްވާފައެވެ.

އެ މައްސަލައަށް ނެގި ވޯޓުގައި ބައިވެރިވި 18 މެންބަރުންގެ އިއްތިފާގުން ވަނީ ބަހުސްކުރުމަށް ފާސްވެފައެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނުކަން ކުރައްވަމުން ވެސް ގެންދަވާ ޝަފީއު، އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ފޮޓޯތަކަކާއި ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ. އަދި ދީނަށް ފުރައްސާރަކޮށް މީހުންނަށް ސްނެޕްޗެޓް މެދުވެރިކޮށް ފޮނުވާފައިވާ ސްނެޕް ތަކެއްގެ ސްކްރީން ޝޮޓް ތަކެއް ވެސް ދައުރުވެފައި ވެއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލު ކުރުމުން ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ދީފައި ނުވެއެވެ.