އިންޑިއާ ސިފައިން ރާއްޖޭގެ މަސްދޯނިފަހަރަށް ހަތިޔާރާ އެކު އެރި މައްސަލައިގައި އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މޫނޫ މަހާވަރު ފޮރިން މިނިސްޓްރީ އަށް ހާޒިރުނުކުރުމުން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ފާޑުވިދާޅުވެއްޖެއެވެ.

އުނގޫފާޜު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، އިންޑިއާ ސިފައިން ރާއްޖޭގެ މަސްދޯނިފަހަރަށް ހަތިޔާރާ އެކު އެރުމުގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޗައިނާގެ ރިސާޗް ކަނޑު އުޅަނދުފަހަރުގެ މައްސަލައިގައި އާންމުންނަށް މައުލޫމާތު ސާފުކޮށްދިނުމަށް ގޮވާލައްވައި ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ނަޝީދު ވިދާޅުވީ، އިދިކޮޅު އެމްޑީޕީ އަށް އިންޑިއާގެ ވާހަކަ ދައްކަން ނުކެރޭއިރު ސަރުކާރަށް ޗައިނާގެ ވާހަކަ ދައްކަން ނުކުރޭ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ނަޝީދު ވަނީ، 'އެކްސް'ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަށް ކުޑައިމީސްކޮށް ތިން ޑެޕިއުޓީ މިނިސްޓަރަކު ޕޯސްޓުކުރި މައްސަލައިގައި އިންޑިއާ އަށް ކަނޑައަޅާފައިވާ ދިވެހި ސަފީރު އިބްރާހީމް ޝަހީބު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް އެތައް ފަހަރަކު ހާޒިރުކުރިކަން ފާހަގަކުރައްވައިފައެވެ.

އެ މައްސަލައިގައި ދިވެހި ސަފީރު ހާޒިރުކުރި އިރު، މަސްދޯނިފަހަރަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި އިންޑިއާގެ ސަފީރު ފޮރިން މިނިސްޓްރީ އަށް ހާޒިރުނުކުރެވެންވީ ކީއްވެތޯ އޭނާ ސުވާލުކުރެއްވިއެވެ.

ހަމަ އެއާއެކު އިންޑިއާގެ ސިފައިން ދިވެހި މަސްދޯނިފަހަރަށް އެރި މައްސަލައިގެ އިތުރުން، ޗައިނާގެ ރިސާޗް ކަނޑު އުޅަނދު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ މައްސަލައިގައި ސަރުކާރުން ސާފު މައުލޫމާތު ހާމަނުކުރައްވާތީ އެކަމަށް ވެސް ނަޝީދު ފާޑުވިދާޅުވިއެވެ.

"ރައްޔިތުންނަށް ކަންކަން ހާމަކޮށްދޭންވީނޫންތޯ؟ ސަރުކާރުން ވެސް އެބަ ޖެހޭ މިއަށް ވުރެ ޒިންމާވާން،" އޭނާ ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ހއ. ދިއްދޫގެ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ 'އަސުރުމާ 03' ނަމަކަށް ކިޔާ ދޯންޏަކަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އެރި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ އިތުރުން އެ ސަރަހައްދަށް ދިޔަ 'މާހޯރާ 3' އާއި 'ނިރު 7' އަށް ވެސް އިންޑިއާ ސިފައިން އެރި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓްކުރުމެއް ނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާ އިން ބޯޑުކޮށް ހިންގި އޮޕަރޭޝަނުގެ ތަފްސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 01 ފެބްރުއަރީ 2024 ގައި ވާނީ ރަސްމީކޮށް ދަންނަވައިފައެވެ." މިދިޔަ ހުކުރު ދުވަހުގެރޭ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދަންވަރު 12 ޖަހާކަން ހާއިރު 'މާހޯރާ 3' މަސް ދޯންޏަށް އިންޑިއާގެ ސިފައިން އަރައި ޗެކުކޮށް، އެ ދޯނީގައި ތިބި މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށް، ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން ބުނެފައިވެއެވެ. އެ ޖަމިއްޔާ އިން އޭގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ، ބުދަ ދުވަހު 'އަސުރުމާ 3' ދޯންޏަށް އިންޑިއާ ސިފައިން އެރި އެރުން ކުށްވެރިކޮށް، އެކަން ތަހްގީގުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.

މީގެ އިތުރުން ޗައިނާގެ ސާވޭ އުޅަނދެއް ކަމަށްވާ "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެ އަންނަން ދަތުރު ފެށުމުން އެ އުޅަނދަކީ ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައި ސަރުކާރުން ވަނީ ޗައިނާގެ މި ކަނޑުމަތީ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ އަށް އެދިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މި އުޅަނދުން ރާއްޖޭގެ ކަނޑުމަތި ސާވޭކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.

އެ ބަޔާނުގައި ސަރުކާރުން ބުނީ، ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކުވެރި ބޭރު ގައުމުތަކުގެ ކަނޑުމަތީ އުޅަނދުފަހަރަށް ރާއްޖޭން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށާއި، އެގޮތުން ބޭރު ގައުމުތަކުގެ އަސްކަރީ އުޅަނދުފަހަރާއި އަމިއްލަ އުޅަނދުފަހަރަށް ވެސް ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަނދަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިފަދަ ކޮންމެ ކަމެއްގައި ވެސް ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާއި ކަމާގުޅޭ ގާނޫނުތައް ރާއްޖޭން ދަމަހައްޓާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.