ހާރިޖީ ވުޒާރާގެ އެމްބެސެޑަރު އެޓް ލާޖްގެ މަގާމަށް އަލީ ނަސީރު މުހައްމަދު އަދި ހާރިޖީ ވުޒާރާގެ ސްޓޭޓް ވަޒީރު ކަމުގެ މަގާމަށް މުހައްމަދު ޝަހުދީ އައްޔަން ކުރައްވައިފިއެވެ.

ހާރިޖީ ވުޒާރާގެ އެމްބެސެޑަރު އެޓް ލާޖްގެ މަގާމަށް ހަމަޖެއްސި އަލީ ނަސީރު މުހައްމަދު އަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލެސްޓާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ޑިޕްލޮމެޓިކް ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އަލީ ނަސީރު ރާއްޖޭގެ ފޮރިން ސާވިސްއާ ގުޅިވަޑައިގެންނެވީ 1985 ވަނަ އަހަރުއެވެ. އަލީ ނަސީރު އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި މޯލްޑިވްސް ޑިޕްލޮމެޓިކް މިޝަންތަކުގައި ފޮރިން ސެކްރެޓަރީގެ މަގާމާ އަދި ފޮރިން ސެކްރެޓަރީގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އަލީ ނަސީރު ވަނީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމު ފުރުއްވާފައެވެ.

ހާރިޖީ ވުޒާރާގެ ސްޓޭޓް ވަޒީރު ކަމުގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު ޝަހުދީ ވަނީ ފޮރިން މިނިސްޓްރީގައި ޕްރޮޓޮކޯލް މަސައްކަތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާފައެވެ.