"އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027" ގެ 2 ވަނަ ސެޝަން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އޮޑިޓޯރިއަމްގައި މިއަދު މެންދުރުފަހު ބޭއްވި މި ސެޝަންގައި، ސަރުކާރުގެ އެކިވުޒާރާތަކާއި މުއައްސަސާތަކުން ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

"އިންފުލުއެންސް: ދަ ހާޓްބީޓް އޮފް ލީޑާޝިޕް" މި މައުލޫއަށް މިއަދުގެ ޕްރޮގްރާމްގައި ވާހަކަ ދެއްކެވީ އެމްޕަވަރިންގް އޯލްގެ ފައުންޑާ، މަސްއޫދު އަލީއެވެ. ހަގީގީ ލީޑާޝިޕްގެ އަސާސީ ސިފައަށް އަލިއަޅުއްވާލައްވަމުން، އެއީ ހަމައެކަނި ހުނަރުތައް މެނޭޖްކުރުން ނުވަތަ ޓީމުތަކެއް އެކުލަވާލުމަށްވުރެ ފުޅާ ދާއިރާއެއްގައި ހިނގާ ކަމެއްކަން، މަސްއޫދުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

އަދި ޕާސަނަލް އިންފްލުއެންސް ނުވަތަ ހަގީގީ މުއާމަލާތްތަކާއި، އިތުބާރުހިފޭ، އަދި އިޖްތިމާއީ ހުނަރުތަކުގެ ޒަރިއްޔާއިން އެހެން މީހުންގެ ވިސްނުމާއި އަމަލުތަކާއި އިހްތިޔާރުތަކަށް ނުފޫޒު ފޯރުވުމުގެ ގާބިލުކަމާއި، ގުޅުން ބަދަހިކުރުމާއި، ފައިދާކުރަނިވި ހަރުދަނާ ގޮތެއްގައި މުއާމަލާތު ކުރުމާއި، ނުފޫޒުގެ އަހްލާގިއްޔާތާއި އިސްތިރާޖާ ބެހޭ ގޮތުންވެސް ވާހަކަ ދެއްކެވިއެވެ.

މީގެ އިތުރުން، އާންމު ވިސްނުމެއް އުފައްދައި، ހަގީގީ ގުޅުންތައް ބަދަހިކުރުމާއި، ނަފްސާނީ ރައްކާތެރިކަން ކުރިއެރުވުމާއި، ވަކިން ހާއްސަކޮށް، ހައިރާކީ އޮނިގަނޑެއް އޮތުމާއި ގޮތް ނިންމުމުގެ މަރުކަޒީ ބާރެއް އޮތުމާއި ގާއިމު ކުރެވިފައިވާ ވަކި ތަރުތީބެއް ދެމެހެއްޓުން ފަދަ އިހުގެ ލީޑާޝިޕްގެ ގޮތްތައް ބޭނުންކުރުން މަދުވަމުން އަންނަ ދުވަސްވަރެއްގައި، ދޭދޭ މަސްލަހަތުތައް ކުރިއެރުވިދާނެ ގޮތްތަކުގެ މައްޗަށްވެސް މިއަދުގެ ތަގުރީރުގައި އަލިއަޅުވާލާފައި ވެއެވެ.

އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދެވަނަ ސެޝަންގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މި އަސާސީ މާއްދާތަކާއެކު، ލީޑަރުންގެ ފަރާތުން އަނެކާއަށް އިތުރު ހިތްވަރެއް ލިބި، ޓީމެއްގެ ގޮތުގައި މަސައްކަތްތެރިކަން އިތުރުކޮށް، ވަކި މަގްސަދެއް އޮވެގެން ހިންގާ ލީޑާޝިޕެއް ގާއިމުކުރެވިދާނެ ގޮތްތައް، މިއަދުގެ ސެޝަންގެ ބައިވެރިންނާ މަސްއޫދު ވަނީ ހިއްސާ ކުރައްވާފައެވެ.

"އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް" (އީޑީޕީ) އަކީ ސިޔާސީ ގޮތުން އައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ދައުލަތުގެ މުވައްޒަފުންގެ ޕާފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުއާމަލާތްކުރުމުގައި ހުރި ހިރާސްތައް ކުޑަކުރުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެވޭނެއެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗަރާތަކާއި، ސެމިނާ، އަދި މަސައްކަތު ބައްދަލުވުންތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރީއާއިންނެވެ.