މި ދައުރު ނިމުމުގެ ކުރިން އޭ ލެވެލް އަކީ ސްކޫލު ނިންމާ މަރުހަލާގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ 2022 އާއި 2023ގެ އޯ ލެވެލް އާއި އޭ ލެވަލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ޝޯޝަލް ސެންޓަރުގައި ތިން ދަންފަޅިއަކަށް ބަހާލައިގެން ބާއްވަމުން ގެންދާ 'އަރުތަވެރިންގެ އިނާމް 2024'ގެ ރޭގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ.

އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު އިތުރުކުރަން ޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު އަތޮޅުތަކުގެ ސަރުކާރު 23 ސްކޫލެއްގައި ފެށި އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓެއް ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމާއެކު ސަރުކާރު ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ކުރީ އަހަރަށްވުރެ 77 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޕްރައިވެޓް ސްކޫލްތައް ހިމެނޭ ގޮތަށް ހުރިހާ ސްކޫލެއްގައި އޭ ލެވެލް ކިޔަވާ ދަރިވަރުންގެ ނިސްބަތް 38 ޕަސެންޓަށް އިތުރުވެގެންދިޔަ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން މި އަހަރު އޯލެވެލް ނިންމި ކުދިންނަށް މާލެ ސްކޫލުތަކުގައި ވެސް ޕައިލެޓް ޕްރޮޖެކްޓު ފަށަން ނިންމާފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ޖާގަވެސް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގަދަ 10ގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަނީ

"ދަރިވަރުން ބާކީ ކުުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭ ލެވެލް އެއީ ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި، އިރާދަކުރެއްވިއްޔާމުން މި ފަސް އަހަރު ނިމިގެންދާއިރު، ކަނޑައެޅިގެން ދިއުމަކީ އެއީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް ބޮޑު ކަމެއް ކަމުގައި ފާހަގަކުރަން،" ޝަފީއު ވިދާޅުވިއެވެ.

އެއާއެކު މާލޭ ސްކޫލްތަކުން މި އަހަރު އޯލެވެލް ހެދި ދަރިވަރުން ދެ މާއްދާއިން ފާސްވެއްޖެ ނަމަ 11، 12 އަށް ކިޔެވުމުގެ ފުރުސަތު ދޭނެ އެވެ. މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް އޭލެވެލްއިން ފާސްވި ކުދިންގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ 106 ދަރިވަރުން އިތުރުވެފައިވާ ކަމަށެވެ.