ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓުތައް މަކަރާއި ހީލަތުން ވިއްކިކަމުގެ ތުހުމަތު ކުރާ އެ ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) ގެ ބަލާ ފާސްކުރަން ފުލުހުން އަނެއްކާވެސް ފަށައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ ގެ ބަލާ ފާސްކުރަމުންދާކަން ފުލުހުން "ދަ ޕްރެސް" އަށް ކަށަވަރުކޮށްދިން ނަމަވެސް މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުން ފުލުހުން ބަލާ ފާސްކުރަމުންދަނީ މަންޑޭ ދިރިއުޅެމުންދާ ހުޅުމާލެ، އަމީން އެވެނިއުގެ އެޕާޓްމަންޓެކެވެ.

އެ މައްސަލާގައި މީގެ ކުރިން މަމްދޫހު ހައްޔަރުކޮށް އޭނާ ދުކޮށްލާފައި ވަނީ ހުއްދަ ނުހޯދާ މާލެއިން ބޭރަށް ނުދެވޭ ގޮތަށެވެ. އަދި މީގެ ކުރިން މަމްދޫހުގެ ޕާސްޕޯޓް ހިފަހައްޓާފައި ވާއިރު ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓް ދޫކޮށްލާފައެވެ. އެހެންނަމެވެސް އެއީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ނިންމާ މަމްދޫހުގެ ޕާސްޕޯޓް ހިފަހައްޓަން ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ކޭޕާކް ފްލެޓްތަކުގެ މަޝްރޫއު ހިންގަން އާބަންކޯ އިން ހަންބޯ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޮކްޓޯބަރު 9، 2016 ގައެވެ. އަދި މަސައްކަތްތައް ފަށާފައި ވަނީ 2017 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން އެ އެއްބަސްވުން އުވާލީ ކަމަށް، ހަންބޯ އިން ބުނެފައި ވެއެވެ.

އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހޭ އިދާރާތަކަށް ހިނގަން ފެށުމުންނެވެ.

މި މައްސަލައާ ގުޅިގެން އާބަންކޯގެ މުވައްޒަފު އަބްދުލް ނާފިއު މުހަންމަދު ސަސްޕެންޑް ކޮށްފަިއވާ އިރު، އަދިވެސް ފުލުހުން ދަނީ ޖިނާއީ ތަހުގީގު ހިންގަމުންނެވެ. އެ މައްސަލާގައި މަންޑޭ ކުރިން ހައްޔަރު ވެސް ކުރިއެވެ. އަދި ދެފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު ހުޅުމާލޭ ކޯޓުން ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލާފައެވެ.