ބައެއް ކުންފުނިތަކުގެ މެންބަރުންނާއި ޗެއާމަނުން އިސްތިއުފާ ދީފިއެވެ.
ޕްރައިވަޓައިޒޭޝަން ކޯޕަރޭޝަން ބޯޑުން ބުނީ ބިޒިނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑު ބޯޑުގެ މެންބަރުކަމުންނާއި ޗެއާމަންކަމުން އަދީލް އިސްމާއިލް އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އެކަން އެ ބޯޑުން ގަބޫލުކޮށް 15 ނޮވެމްބަރު 2023 ވަނަ ދުވަހު އެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.
އަދީލް އެ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އަދީލް އަކީ މާކެޓިން އެންޑް ކޮމިއުނިކޭޝަން އިންޑަސްޓްރީގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ ތައުލީމު ހާސިލްކޮށްފައި ވަނީ ބެޗެލާ އޮފް އާޓްސް، މާކެޓިންގް އެންޑް ބިޒްނަސް އިކޮނޮމިކްސް އިންނެވެ.
އަދި ހަމައެހެންމެ ފެނަަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑުގެ މެންބަރުކަމުންނާއި ޗެއާމަންކަމުން މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވާފައި ވާތީ އެކަން ގަބޫލުކޮށް 16 ނޮވެމްބަރު 2023 ވަނަ ދުވަހު އެ މަގާމުން ވަކި ކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން ކޯޕަރޭޝަން ބޯޑުން ވަނީ ބުނެފައެވެ.
މުހައްމަދު ރަޝީދަކީ އެ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންހުންނެވި ބޭފުޅެކެވެ. އޭނާއަކީ ބައިނަލްއަގްވާމީ ފެންވަރުގައި ސެޓިފައިޑް އިންޖިނިއަރަކަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ދިވެހިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ. އޭނާ ފެނަކައާ ގުޅިވަޑައިގަތީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގަ އެވެ.
މީގެ އިތުރުންވެސް މަގާމުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި:
- މޯލްޑިވްސް މާކެޓިންގް އެންޑު ޕީއާރު ބޯޑުގެ މެންބަރުކަމުގެ މަގާމުންނާއި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން ތޮއްޔިބު މުހައްމަދު
- މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގ ބޯޑުގެ މެމްބަރުކަމުގެ މަގާމުން ޑރ. މުހައްމަދު ޝަފީގް
- މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑު ބޯޑުގެ މެމްބަރުކަމުގެ މަގާމުން މުހައްމަދު ޚުއްސާން
- ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑުގެ މެންބަރުކަމުގެ މަގާމުންނާއި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން އަހުމަދު ސައީދު
- އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ޕްރައިވަޓް ލިމިޓެޑުގެ ބޯޑުގެ މެންބަރުކަމުގެ މަގާމުންނާއި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން ގައިސް ނަސީރު
މީގެ އިތުރުންވެސް ބައެއް ސިޔާސީ މަގާމުތަކުގެ ތިއްބެވި ބޭފުޅުންވެސް ގެންދަވަނީ މަގާމުތަކުން އިސްތިއުފާ ދެއްވަމުންނެވެ.