ބީއެމްއެލްގެ މުވައްޒަފުން ކެންސަރަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ.

ގައުމީ ބޭންކު ބީއެމްއެލުން ބުނީ، ތިން ވައްތަރެއްގެ ކެންސަރަކަށް އެ ބޭންކުގެ މުވައްޒަފުން ސްކްރީންކޮށްފައިވާ ކަމަށެވެ. އެ ތިން ވައްތަރަކީ އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރު ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ.

ކެންސަރު ސޮސައިޓީ އާ ގުޅިގެން ބޭއްވި މި ސްކްރީންކުރުމުގެ ޕްރޮގްރާމުގައި އެ ބޭންކުގެ 100 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެ ބޭންކުން ބުނީ، ކޮންމެ އަހަރަކު ވެސް ގަވައިދުން ބޭންކުގެ މުވައްޒަފުން ކެންސަރަށް އަހުލުވެރިކުރުވުމަށްޓަކައި ޕްރޮގްރާމުތައް ރާވައި، ކެންސަރަށް ސްކްރީންކުރުމުގެ ޕްރޮގްރާމުތައް ހިންގަމުންދާ ކަމަށެވެ.

ހަމަ އެއާއެކު ބީއެމްއެލުން ވަނީ، މި މަހު ކެންސަރު ސޮސައިޓީ އާ ގުޅިގެން ނ. އަތޮޅުގެ ރަށްރަށުގައި ކެންސަރަށް އަހުލުވެރިކުރުވުމާއި ސްކްރީންކުރުމުގެ ޕްރޮގްރާމްތައް ހިންގި ކަމާއި، 2016 ވަނަ އަހަރުން ފެށިގެން ކެންސަރަށް ހޭލުންތެރިކުރުވުމަށް ބާއްވާ "ޕިންކް ރިބަން ރަން-ވޯކް" އަށް އެހީތެރިކަން ދެމުންދާ ކަން ފާހަގަކޮށްފައެވެ.