މާލޭގެ ޓްރެފިކް ފްލޯގައި ދުއްވާ ވެހިކަލްތައް ޗެކްކުރުމަށް ފުލުހުން ކުއްތާ ބޭނުންކުރަން ފަށައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރޫޓިން ސްޕޮޓް ޗެކް ކުރުމަށް އެއާޕޯޓް ފުލުހުން، ކެނައިން ސްކޮޑާއި ބްރިޖް ޕެޓްރޯލް ބީޓްސް އާ ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަމާޒަކީ ހާއްސަ ޓީމްތަކުގެ ތަޖުރިބާ ބޭނުން ކޮށްގެން އޮޕަރޭޝަންސް ހަރުދަނާކޮށް އިތުރުކޮށް ރައްކާތެރި މާހައުލެއް ދެމެހެއްޓުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 10 ކުއްތާއެއް ރާއްޖެ ގެނެސްފައި ވާއިރު އެ ކުއްތާތައް އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައެވެ. އެ ކުއްތާތަކަކީ ނުރައްކާތެރި ގޮވާ ތަކެތި ދެނެގަތުމަށް ހާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ ކުއްތާތަކެއް ކަމަށާއި އެ ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ކުއްތާތައް ބެލެހެއްޓުމަށް އެމެރިކާގައި 10 ފުލުހުން ތަމްރީނުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޓެރަރިޒަމް އޮޕަރޭޝަންތަކުގެ އިތުރުން އިންޓެލިޖެންސް ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަފާތު އޮޕަރޭޝަންތައް ކަމަށްވާ ކަސްޓަމްސްއާއި އެމްޕީއެލްއާއި އެއާޕޯޓާއި އެއާޕޯޓު ކާގޯ އޭރިއާ އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހައި ޕްރޮފައިލް ފަރާތްތަކުގެ އިވެެންޓުތަކުގައި ވެސް ފުލުހުންގެ ޑޯގް ސްކޮޑް ބޭނުން ކުރަމުން ގެންދާ ކަމަށެވެ.

ޑޯގް ސްކޮޑަށް އިތުރަށް ގެނައި 10 ކުއްތާއާއެކު ފުލުހުންގެ ޑޯގް ސްކޮޑުގައި މިހާރު ބޭނުން ކުރަމުން ގެންދަނީ 25 ކުއްތާ ކަމަށާއި ޑޯގް ސްކޮޑް ބޭނުންކޮށްގެން ކާމިޔާބު ތަފާތުއެކި އޮޕަރޭޝަންތައް ފުލުހުން ހިންގާފައިވާ ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

ޓްރެފިކް ގައި ކުއްތާ ނެރެ ބޭނުން ކުރަން ފަށާފައި މިވަނީ، މާދަމާ ފެށޭ ރިޔާސީ އާ ދައުރުގެ ހުވާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު ކުރައްވާ ރަސްމިއްޔާތަށް ރާއްޖެއިން ބޭރުގެ ގިނަ އިއްޒަތްތެރިން ވަޑައިގަންނަވާ ވަގުތެއްގައެވެ.