ފަލަސްތީނުގެ މިނިވަންކަން އިއުލާނު ކުރި އަހަރީ ދުވަހުގެ މުނާސަބަތުގައި، ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދު އަލްމަލްކީއަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރު ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، މިއަދަކީ ފަލަސްތީނުގެ ދައުލަތުގެ މިނިވަންކަން އިއުލާނު ކުރިތާ 36 އަހަރު ފުރޭ ދުވަސް ކަމަށްވާތީ، ފަލަސްތީނުގެ ހައްގުގައި ދިވެހިރާއްޖެއިން ދޭ އެއްބާރުލުން ތަކުރާރު ކުރައްވާ ކަމަށެވެ.

އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ކަމުގައި ޝާހިދު ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ފަލަސްތީނުގެ ރައްޔިތުންނަށް، މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ފަދަ ހިތާމަ އާއި ތަކުލީފުތައް ތަހައްމަލު ކުރަމުންދާ ދުވަސްވަރަކަށްވާ އިރު، ފަލަސްތީނާ އެކު ދިވެހި ސަރުކާރާއި ރައްޔިތުން ތިބި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ފަލަސްތީނަށް ކާމިޔާބީ މިންވަރުކޮށް ދިނުމަށް އެދޭ ކަމަށާއި އެ ގައުމުގެ ރައްޔިތުންނަށް ދުޅާ ހެޔޮ ސިއްހަތާއި އަމާންކަމާއި މިނިވަން ކަން ދެއްޗުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީންގެ މިނިވަން ކަން އިއުލާން ކުރިތާ 36 ވަނަ އަހަރު މިއަދު ފާހަގަ ކުރާ އި،ރު އެ ގައުމަށް ކެނޑިނޭޅި އިޒްރޭލުން އަންނަނީ ހަމަލާތައް ދެމުންނެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ފަލަސްޓިންގެ 11،100 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 8000 އެއްހާ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.