އަލަށް އުފެދޭ ސަރުކާރުގެ މަރުހަލާތަށް އަވަސް ކުރުމަށް ކަމާގުޅުންހުރި މުވައްސަސާތަކާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ނައިބު، މުހައްމަދު ފިރާޒް މަޝްވަރާ ކުރައްވައިފިއެވެ.

ފިރާޒް، ކަމާ ގުޅުން ހުރި މުވައްސަސާތަކާއި މަޝްވަރާ ކުރައްވާފައި ވަނީ އާ ސަރުކާރުގެ ކުންފުނިތަަކަށް ޑިރެކްޓަރުން އައްޔަން ކުރުމުގެ މަރުހަލާ އަވަސްކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކުށުގެ ރިކޯޑު އަވަސްކަމާއެކު ސާފުކުރުމާ ގުޅޭ ގޮތުންނެވެ.

އަދި ހަމައެހެންމެ އެ ބައްދަލުވުމުގައި މުވައްސަސާތަކުން ދެމުންގެންދާ އެއްބާރުލެއްވުން ފާހަގަކޮށް އެ ބޯޑުން ވަނީ މުއައްސަސާތަކަށް ޝުކުރު އަދާ ކޮށްފައެވެ. އިންތިގާލީ މުއްދަތުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ޒިންމާދާރު އަދި ހާމަކަންބޮޑު ގޮތެއްގައި ކުންފުނީގެ ނިންމުންތައް ނިންމުމަށް ކުންފުނީގެ ބޯޑުތަކަށް މީގެ ކުރިން ވަނީ ޕީސީބީން އަންގާފައެވެ.

އަދި ޕީސީބީން ވަނީ ރިޔާސީ އާ ދައުރަކަށް ހޮވިފައިވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ފެށުމާ ހަމައަށް މިހިނގާ އިންތިގާލީ މުއްދަތުގައި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވިޔަފާރި ކުރާ އެންމެހާ ތަންތަނުން އަމަލު ކުރަންވީ އުސޫލެއްވެސް އާންމު ކޮށްފައެވެ.

މުއިއްޒު ރައީސްކަމުގެ ހުވާކުރައްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސަށެވެ. ފުރަތަމަ ޖުމްހޫރިއްޔާ އާއެކު ގުނާނަމަ އަށްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.