މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގް އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް މީހަކު އައްޔަންކޮށްފިއެވެ.

މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ މާކެޓުގައި އިޝްތިހާރު ކުރަން މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

މިއީ ގާނޫނުގައި ރައީސް އަށް ލިބިދޭ ބާރުގެ ދަށުން އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާއިރު އެއީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އެކުލެވޭ ކުންފުންޏެއްވެސް މެއެވެ. އެ ކުންފުންޏަށް ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ މާގާމަށާއި، ބޯޑު މެމްބަރުކަމުގެ މަގާމަށް މީހަކު އައްޔަން ކޮށްފައިވާ ކަން ޕީސީބީން މިއަދު ވަނީ ބުނެފައެވެ.

އެގޮތުން އެ މަގާމަށް އައްޔަން ކުރީ ، އދ. މާމިގިލީ ޖަވާހިރުވާދީ ޑރ. މުހައްމަދު އިބްރާހިމް އެވެ.

މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް މުޖުތަމައަށް އެ ސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަކަލްޗާ އާއި މެރިކަލްޗާ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނުމެވެ. އަދި ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަކީވެސް މި ކުންފުނީގެ އެއް މަގްސަދެވެ.

އަދި ހަމައެހެންމެ އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް، ގައުމީ ބާޒާރާއި ބައިނަލްއަގްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުން ހިމެނެއެވެ.