މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ކަމުން މުހައްމަދު ރިޝްވާން އިސްތިއުފާ ދެއްވައިފިއެވެ.
އެކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ބުނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން މުހައްމަދު ރިޝްވާން، މިއަދު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭނާ މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ޕީސީބީން ހާމަކޮށްފައި ނުވެއެވެ.
ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި ރިޝްވާން ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުވެސް އަދާ ކުރައްވާފަ އެވެ. ނަމަވެސް އެ މަގާމުން އޭނާ ފަހުން ވަނީ އިސްތިއުފާ ދެއްވާފައެވެ.
ރިޝްފާން އެމްޕީއެލްގެ އެމްޑީކަމުން އިސްތިއުފާ ދެއްވާފައިވާއިރު ޕީސީބީން ވަނީ އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހުސެއިން ދީދީ ވެސް މަގާމުން ވަކިކޮށްފައެވެ.
އަދި ހަމަ އެހެންމެ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުވެސް މަގާމުން ވަކިކޮށްފައި ވެއެވެ. މީގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް ހަމަ މިއަދު މަގާމުން ވަނީ ވަކިކޮށްފައެވެ.
