ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުވާން ދެ ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދިން މައްސަލައިގައި ގިނަ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން އެކަމުގެ ތަފްސީލް ފުލުހުން ހާމަކޮށްފިއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެދިވަޑައިގެންފައި ވަނިކޮށް ޗީފް ސްޕްރިޓެންޑެންޓްގެ ރޭންކަށް 8 އޮފިސަރުންނާ، ޗީފު އިނިސްޕެކްޓަރުންގެ ރޭންކަށް 53 ފުލުހަކަށް ރޭ ވަނީ ޕްރޮމޯޝަން ދީފައެވެ. މީގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ ކަމަށް، ޔޫނުސް ސޮބާހު، އާސިމް އަބްދުﷲ، މުހައްމަދު ރަޝީދު، އަހްމަދު ޝަމީމް، މުހައްމަދު ބަޝީރު، ހުސައިން ރަޝީދު އަދި މޫސާ އަލީ އަށްވެސް ވަނީ ޕްރޮމޯޝަން ދީފައެވެ.
މި ޕްރޮމޯޝަންތައް މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންވެސް ފުލުހުންނަށް މީގެ ކުރިން އަންގާފައިވާއިރު މި ޕްރޮމޯޝަނާ ގުޅޭ ގޮތުން ފުލުހުން ބުނީ މިއީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާންކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ. އަދި ޕްރޮމޯޝަން އޭރު ހަވާލުނުކުރީ އިންތިހާބު ކައިރިވެފައި އޮތުމާއެކު އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ޕްރޮމޯޝަން ތަކަކީ ފުލުހުންގެ ހިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއްކަމަށެވެ.