މައާފު ދިނުމާއި އަދަބު ލުއިކުރުމުގައި ޕީޖީ އޮފީހުގެ ދައުރެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމުގައި، މީހުންނަށް އަދަބު ދިނުމާއި، އެ އަދަބަށް ވަކި ހިސާބަކުން މައާފު ދިނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހިނގާ ކަމެއް ކަމަށެވެ. މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އޮތް ގޮތުން، އެއިން އެއްވެސް މަރުހަލާއެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ދައުރެއް ނެތް ކަމަށާއި އަދި ކްލެމެންސީ ބޯޑުގައި ޕްރޮސިކިއުޓާ ޖެނެރަލް ތަމްސީލުކުރާ މީހަކު ވެސް ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވީ، މައްސަލައެއްގައި ހުކުމެއް ކުރުމަށްފަހު، އެހުކުމަށް ދެން ހަދާ ގޮތަކީ، ޕީޖީ އޮފީހުގެ ދައުރެއް އޮންނަ ކަމެއް ނޫން ކަމަށާއި އެމީހާ ހުކުމް ތަންފީޒުކުރަނީ ޖަލުގައިތޯ، ގޭގައިތޯ އެއީ ޕީޖީ އޮފީހުގެ ބަހެއް ހޯދަންޖެހޭ ކަމެއް ނޫން ކަމަށެވެ. އެކަން ކުރައްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ.

ދާދި ފަހުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ބަޔަކަށް މައާފު ދެއްވި މައްސަލައިގައިވެސް، ޕީޖީ އޮފީހުގެ ބަހެއް ހޯއްދަވާފައެއް ނުވާ ކަމަށާއި ހޯއްދަވާކަށް ނުވެސް ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ، ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބިލައްވާ ކަމަށެވެ.

އެބާރު ބޭނުންކުރައްވާ ގޮތާމެދު ސުވާލު އުފެއްދުމަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން، ދެރައާއި ހިތްހަމަނުޖެހުމާއި، ފްރަސްޓްރޭޝަނާއި ކަންބޮޑުވުން ކުޑައެއް ނޫނެވެ. ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލަށް ކަމަކާ ބެހެވޭނީވެސް، ކަންބޮޑު ވެވޭނީވެސް، ރުޅިއާދެވޭނީވެސް، ރުހެވޭނީވެސް، އުފާ ވެވޭނީވެސް ޤާނޫނުގައި ބެހޭށާއި ކަންބޮޑުވާށާއި ރުޅި އަންނާށާއި ރުހޭށާއި އުފާވާން ފުރުޞަތު ދީފައި އޮތްނަމައެވެ.
ޝަމީމް

ޝަމީމް ވިދާޅުވީ، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ހެއްދެވިއިރު، ޕްރޮސިކިއުޓާ ޖެނެރަލެއް ހުންނާނެކަން އެނގިހުރެ، އޭނާގެ ދައުރެއް ނޯންނަ ގޮތަށް ގާނޫނު ލިޔުނީ ކޮންމެވެސް މުހިންމު މަގްސަދެއް ހާސިލުކުރާން ކަމަށް ބަލަންޖެހޭ ކަމަށެވެ.

ހަމަ ހުރެފައި، ގާނޫނެއް ނުލިޔާނެއެވެ. ގާނޫނު ލިޔާއިރު ކަންކަން ހަނދާނުން ކައްސާލާފައި އޮވެދާނެކަމަށްވެސް ބަލައިގެން ނުވާނެއެވެ.
ޝަމީމް

މިކަމުގައި އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް އޮތް ހައްލަކީ، ރައްޔިތުންގެ މަޖިލީހުން ގެނެސްދެވޭނެ ހައްލެއް ކަމަށާއި އާންމުންގެ ހިޔާލާއި ފިކުރާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް އިސްލާހުކުރާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ.