އެމެރިކާގެ މަޝްހޫރު އިންފްލުއެންސަރެއް ކަމަށްވާ މޭގަން ރައިސް ޓިކްޓޮކް ލައިވެއްގައި އިސްލާމްދީން ގަބޫލުކޮށް މުސްލިމްވެއްޖެއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ އިމާންތެރިކަން ވަރުގަދަ ކަން ފެނި މޭގަން އިސްލާމް ދީން ދިރާސާ ކުރަން ފެށީ މިދިޔަ މަހުއެވެ. އެގޮތުން ޤުރުއާން ތަރުޖަމާ ކިޔައި، ދިރާސާތައް ކުރުމަށްފަހު އެންމެ ރަނގަޅު ދީނަކީ އިސްލާމްދީން ކަމަށް ހުދު އޭނާއަށް ގަބޫލުކުރެވި މުސްލިމްވީއެވެ. ޓިކްޓޮކް ލައިވް ގައި މޭގަން ވަނީ ޝަހާދަތް ކިޔައި އިސްލާމްވެފައެވެ.
"ނިކަން ބަލާލަބަ ފަލަސްތީނުގެ ރައްޔިތުން. އެމީހުންގެ އަތުން ހުރިހާ އެއްޗެއް ބީވެ އާއިލާގެ އެތައް މީހުންނެއް ޝަހީދުވެއްޖެ. އެކަމަކު އެމީހުންގެ އީމާންތެރިކަން ބަލިކަށްޓެއްނުވޭ. ހާދަ އީމާންތެރިކަން ވަރުގަދަ ބަޔެކޭ އެއީ،"
އެ ވީޑިއޯ މޭގަން ޓިކްޓޮކް އަށް އަޕްލޯޑުކުރުމާއެކު ގައުމުތަކުގައި އުޅޭ އެތައް މުސްލިމުންނެއް ވަނީ ޤުރުއާން ތަރުޖަމާ ކިޔަން އޭނާ ގާތު އެދިފައެވެ. އެ ކަން ގަބޫލުކޮށް މޭގަން ތަރުޖަމާ ކިޔަން ފެށިއެވެ. އަދި ދުނިޔޭގެ ހަގީގަތް އެނގި އެންމެ ރަނގަޅު ދީނަކީ އިސްލާމްދީން ކަމަށް އޭނާ ބުނަމުންދިޔައެވެ. މޭގަން ބުނީ އިސްލާމްދީނަކީ އެންމެ މާތް އެންމެ ސާފު ދީން ކަމަށާއި ބޭނުންވަނީ އިސްލާމްދީނާ މެދު އެހެން މީހުން ދެކޭ ގޮތް ބަދަލުކުރުވާ ގިނަ މީހުން މުސްލިމް ކުރުވުމަށްކަމަށެވެ. އިސްލާމްދީނަށް ވަނުމަށްފަހު އޭނާ ވަނީ "ވޯލްޑް ރިލިޖަން ބުކް" ގެ ނަމުގައި ކުލަބެއް އުފައްދާފަ އެވެ. މޭގަން ވަނީ އިސްލާމްދީން ގަބޫލުކުރުމަށްފަހު ބުރުގާވެސް އަޅާފައެވެ.
ޓިކްޓޮކްގެ ޒަރިއްޔާ އިން ދުނިޔޭގެ އެތައް ބަޔަކު މުސްލިމްވަމުން އަންނައިރު ދުބާއީގައި ދިރިއުޅެމުން އަންނަ އަބޭ ހާފެޒް ކިޔާ ޓިކްޓޮކަރެއް ވެސް ވަނީ އިއްޔެ މުސްލިމްވެ އިސްލާމްދީން ގަބޫލުކޮށްފައެވެ. އޭނާ އިސްލާމްދީން ގަބޫލުކުރީ ކްރިސްޓިއަން ދީން ދޫކޮށްލުމަށްފަހުއެވެ. އޭނާ ބުނީ އިސްލާމްދީން ގަބޫލުކުރުމަށްފަހު އޭނާގެ ނަފްސަށް ހިތްހަމަޖެހުން ލިބުނު ކަމަށާއި އެއީ ހަޔާތުގައި ވެސް އެންމެ އުފާވެރި ދުވަސްކަމަށެވެ.