ގާޒާގައި ހުރި ހޮސްޕިޓަލްތަކުގެ ތެރެއިން އަލް އަހުލީ ފިޔަވައި ދެން ހުރި ހުރިހާ ހޮސްޕިޓަލެއް ހުއްޓިފައި ވާ އިރު, އެންމެ ބޮޑު ހޮސްޕިޓަލްގެ ގޯތިތެރޭގައި މަރުވެ ކުނިވަމުން ދާ 100 މީހެއްގެ ހަށިގަނޑު އެބައޮތް ކަމަށް ގާޒާގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.
އެހެން ހޮސްޕިޓަލްތަކެކޭ އެއްގޮތަށް އެހޮސްޕިޓަލް ވެސް ވަށާލާފައި ވަނީ އިޒްރޭލު ސިފައިންނެވެ. ހޮސްޕިޓަލް ސަރަހައްދުގައި އެއްވެސް މީހަކު ހިނގާބިނގާވާނަމަ ބަޑިޖަހާ މަރާލައެވެ. ހޮސްޕިޓަލްގެ ތެރޭގައި ތިބި ބަޔަކު ވިއްޔާ ތިބީ ތާށިވެ ނުނިކުމެވިފައެވެ. ނުކުންނަން ދިމާކޮށްފި ނަމަވެސް އިޒްރޭލު ސިފައިން ބަޑިޖަހައެވެ.
އެހާލަތުގައި ވަޅު ނުލެވި މަރިވެ ކުނިވަމުން ދާ 100 ހަށިގަނޑު ހޮސްޕިޓަލްގެ ގޯތިތެރޭގައި އެބަ އޮތްކަމަށް ގާޒާގެ ސިއްހީ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މެޑިކަލް ވޭސްޓް [ބޭސްފަރުވާއަށް ބޭނުން ކޮށް އުކާލަން ޖެހޭ ތަކެތި] ހޮސްޕިޓަލްގެ ތެރޭގައި ހުރެގެން ކުނިވަމުން ދާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. މި ހާލަތާއެކު އިތުރު ބަލިމަޑުކަމެއް ފެތުރިގެން ދިޔުމުގެ ފުރުސަތު އޮތް އިރު މިހާރުވެސް ފާނަބަސަންދާއި ބޭރަށް ހިންގުމާއި ރޯގާ ވަނީ ފެތިފައި ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.
އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކޮށް ހޮސްޕިޓަލްތައް ނައްތާލުމުގެ ޖަރީމާއެއް ފަށާފައި ވާ އިރު, އަލްއަހުލީ ހިމެނޭހެން ހުރިހާ ހޮސްޕިޓަލެއްގައި ޖުމްލަ 120,000 މީހުން އެބަތިބިކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާގައި ގާތްގަނޑަކަށް 50,000 މީހުން, އަދި މިހާރު ބަޑީގެ ހަމަލާތައް ދެމުން ގެންދާ އަލް ގުދުސް ހޮސްޕިޓަލްގައި 14,000 މީހުން ތިބިކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
ހަބަރުތައް ބުނާގޮތުން މިވަގުތު ގުދުސް ހޮސްޕިޓަލަށް ޔަހޫދީ ސިފައިން ދަނީ ބަޑިޖަހަމުންނެވެ. ހޮސްޕިޓަލާ ކައިރި ސަރަހައްދުތަކުން އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ބަޑިޖަހަމުން ދާކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ޔަހޫދީން ހޮސްޕިޓަލްތަކަށް ހަމަލާ ދެމުން ގެންދާ އިރު, އިޒްރޭލުގެ ރައީސް މިއަދު ބުނެފައި ވަނީ އިޒްރޭލުން އެއްވެސް ހޮސްޕިޓަލަކަށް ހަމަލާ ނުދޭ ކަމަށެވެ. އަދި ބުނެފައި ވަނީ ހަމަލާ ދެނީ ހަމާސްގެ މެންބަރުންނަށް ކަމަށެވެ. ހަމާސްއިން އާންމު ކޮށްފައި ވާ ބަޔާންތަކުގައި ބުނަމުން ދަނީ އެއްވެސް ހޮސްޕިޓަލެއްގައި އެމީހުންގެ ބޭސްއެއް އަދި މަރުކަޒެއްވެސް އަދި ބިންގަރާހެއްވެސް އަދި ކޮމާންޑް ސެންޓަރެއްވެސް ނުހުންނާނެ ކަމަށާއި ޔަހޫދީން ދޮގުހަދަނީ ކަމަށެވެ.
ފަލަސްތީން ރެޑްކްރެސެންޓުން ބުނީ, ހޮސްޕިޓަލްތައް މޯގުތަކަކަށް ބަދަލުވަމުން ދާ ކަމަށާއި އެތަންތާނގައި ތިބި މީހުން މަރުވެ ފުރާނަ ނެތް ގޯސްޓް ހޮސްޕިޓަލްތަކަކަށް އެތަންތަން ބަދަލުވަމުން ދާ ކަމަށެވެ. އެ ޖަމާއަތުން އިތުރަށް ބުނެފައި ވަނީ, އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އިތުރުން ނުފެންނަ ކަމަށް 3250 މީހަކު ނޯޓު ކުރެވިފައި ވާ ކަމަށާއި 1700 ކުޑަކުދިން ހިމެނޭހެން އެމީހުން ވީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ކަމަށެވެ.
މިވަގުތު ހަމައެކަނި ހިނގަހިނގާ ހުރި ހޮސްޕިޓަލް, އަލް އަހްލީގެ ޑޮކްޓަރު ފާދެލް ނާއިމް ވިދާޅުވީ, ސިއްހީ ސާމާނު ނެތުމުން އެ ހޮސްޕިޓަލްވެސް ވަނީ ހުއްޓުމާ ހަމަގައި ކަމަށާއި މިވަގުތު ހޮސްޕިޓަލް ހިނގާތީ ސާމާނު ހުރި ނަމަ ކިތަންމެ ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް ކިތަންމެ ބަޔަކު މިދުނިޔެއާ ވަކިވެ ގޮސްފި ކަމަށާއި އެއީ ބޭސްފަރުވާ ހުރި ނަމަ ސަލާމަތް ކުރުމުގެ ފުރުސަތު އޮތް މީހުން ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ, އާއިލާ އާއިލާތައް ހުރިގޮތަށް ޒަހަމްތަކާއެކު ހޮސްޕިޓަލަށް ގެންނަ ކަމަށާއި އިޒްރޭލުގެ އުދުވާނު ސިފަކުރަން 'ގަތުލުއާންމު' އެބަސް މިހާރު ނުފުދޭ ކަމަށެވެ.