ސްކޭމް ކޯލުތަކާއި އޮޅުވާލައިގެން، މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ތަހްގީގުކުރުމުގައި އަމަލުކުރަންވީ އުސޫލުތަކާބެހޭ އިރުޝާދެއް ޕީޖީ އޮފީހުން ނެރެފިއެވެ.
ޕީޖީ އޮފީހުން ބުނީ، ސްކޭމް ކޯލުތަކާއި، އޮޅުވާލައިގެން، މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް މުޖްތަމައުގެ ތެރޭގައި ގިނަވެ، އެކަމުގެ ކަންބޮޑުވުން ދައުލަތުގެ އިދާރާތަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.
އެކަން ހިނގާ ގޮތް ބަލައި، އެކަމުގައި ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގައި ހުރި ގޮންޖެހުންތައް ވަޒަންކުރިއިރު، މިކަމުގައި ދައުލަތުގެ އިދާރާތަކުން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އޮތުމުގެ މުހިންމުކަން އޮތްކަމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިވަޑައިގެންނަވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ވީމާ، ގާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނު) ގެ 15 ވަނަ މާއްދާ (ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް) ގެ (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި، ހިންގާ ތަހްގީގުތައް ބަލައި އެކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމުގެ ޒިންމާގެ ދަށުން، ސްކޭމްގެ މައްސަލަތައް ތަހްގީގުކުރުމުގައާއި ދައުވާކުރުމުގައި އެއް ގޮތަކަށް އަމަލުކުރުމަށް ބާރު އެޅުމާއި އެފަދަ މައްސަލަތައް ތަހްގީގުކުރުމުގައި ފުރިހަމަކުރަންވީ ކަންކަން އެއް ހަމައަކުން ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވާލާފައިވާ "ސްކޭމް ކޯލްތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ތަހްގީގުކުރުމުގައާއި، ދައުވާކުރުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދު" މިއަދު ނެރެ، ހުރިހާ ތަހްގީގު އިދާރާތަކަށް ފޮނުއްވާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މިއިރުޝާދާ އެއްގޮތަށް އަމަލުކުރަން ފެށުމުން، ސްކޭމް ކޯލްތަކާގުޅޭ މައްސަލަތަކުގެ ތަހްގީގުތައް އަވަސްވެ، ކާމިޔާބުކަމާއެކު ޕްރޮސިކިއުޓް ކުރުމަށް ބާރު އެޅޭނެކަމަށް މިއޮފީހުން ބުނެއެވެ. އަދި މިބާވަތުގެ މައްސަލަތައް ތަހްގީގުކުރުމުގައި ތަހްގީގު އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތުތައް ހޯދުމުގައި ކަމާބެހޭ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަސައްކަތްތަކެއްވެސް މިހާރު ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، މޯބައިލް ފޯނުގެ ހިދުމަތްދޭ ތަންތަނާއި ބޭންކުތަކާއި، އެނޫންވެސް މާލީ މުއާމަލާތްތައް ހިންގާ ތަންތަނުން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަހްގީގަށް ބޭނުންވާ މައުލޫމާތު ލިބިގެން މެނުވީ، މިބާވަތުގެ މައްސަލަތައް ކާމިޔާބުކުރުން ދަތި ކަމަކަށްވާނެ ކަމަށެވެ.