އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ އަބަދުވެސް ކުރިއަށް ދާ މަސައްކަތެއް ކަމަށާ، އެހެންނަމަވެސް އެކަމުގެ އެކަށީގެންވާ މަންފާ އައްޑުއަށް ނުލިބުމުގެ މައިގަނޑު ސަބަބަކީ އެސަރަހައްދުގައި ފަތުރުވެރިކަމަށް ބޭނުންވާ އެނދު ނެތުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

'ޕީއެސްއެމް' ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ޒަމީރު ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް، އެއާޕޯޓު މަޝްރޫއާއެކު އެސިޓީގައި ފަތުރުވެރިކަމަށް އެނދު އިތުރުކުރަން ޖެހޭ ކަމަށެވެ.

މީގެކުރިންވެސް އައްޑޫގެ ފަތުރުވެރިކަން ރަނގަޅު މިސްރާބަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަ ކުރައްވައި ޒަމީރު ވިދާޅުވީ މީގެ 6 އަހަރުކުރިން ސައުތު އެފްރިކަން އެއާލައިންސް އާއި ސްރީލަންކަން އެއާލައިންސް ގެނެސްގެން ވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެހެންނަމަވެސް 1980 ގެ އަހަރުތަކުގައި ވެލާނާ އެއާޕޯޓު ކުރިއަރައިގެން ދިޔަގޮތަށް އައްޑޫ ކުރިއަށް ނުދިއުމުގެ މައިގަނޑު ސަބަބަކީ ބޭނުންވާ އަދަދަށް އެނދު ނެތުން ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދު ކޮޅަށްޖެހުމަށް އެއާޕޯޓުގެ މަޝްރޫއުގެ މުހިއްމުކަން ފާހަގަ ކުރައްވަމުން ޒަމީރު ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި އެ ސިޓީގެ ފަތުރުވެރިކަމާ މެދު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ހާމަކުރައްވާފައެވެ.

އެ ގޮތުން އައްޑޫގެ ފަތުރުވެރިކަމަށް ދިމާވެފައިވާ މައްސަލަތައް ޑރ. މުއިއްޒަށް އެނގިވަޑައިގެން ހައްލު ގެނެސްދޭނެ ބޮޑު މަޝްރޫއެއް ރަވާފައި ވާކަމަށް ވިދާޅުވިއެވެ. އެގޮތުން އެސަރަހައްދުން 6000 އެނދު އޮޕަރޭޝަނަށް ގެނެސްދިނުމަކީ ޑރ. މުއިއްޒުގެ ވަރަށް ބޮޑު ތަސައްވުރެއް ކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ.