އިޒްރޭލުން ގާޒާ ތަޅާ ސުންނާފަތި ކުރަމުން ދާ އިރު, މާބަނޑުވެ ވިހަން ތައްޔާރުވެފައި އިން 50,000 މީހުން މިހާރުވެސް ތިބި އިރު އެވްރެޖްކޮށް ދުވާލަކު 160 އަންހެނުން ވިހައެވެ.

ދުވަސް ނުފުރާ ނުވަތަ ސިޒޭރިއަން ހަދައިގެން ދަތިފުޅު ނަގަން ޖެހޭ ހާލަތާ އެއްވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް މިވަގުތު ކުރަން ޖެހިފައި ވާ ކަމަކީ އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެފައި ވާ މައިންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ރަހިމު ނެގުމުގެ އޮޕަރޭޝަން ތަކެވެ.

މައިމީހާވިއްޔާ މައިމީހާ ނުވަތަ ދަރިފުޅު ސަލާމަތް ކުރެވެން އޮތް މި ހާލަތުގައި ކާމިޔާބު އޮޕަރޭޝަނަކުން ދަރިފުޅު ނެގުނަސް ދެމައިންވެސް ދުނިޔޭގައި ތިބޭނެ ކަމުގެ ޔަގީންކަމެއް ވެސް މިވަގުތަކު ނެތެވެ. މުޅި ގާޒާއިން ކަރަންޓް ކަނޑާއި, އެންމެ ހޮސްޕިޓަލެއް ފިޔަވައި ދެން ހުރި ހުރިހާ ހޮސްޕިޓަލެއްގެ ހިދުމަތްތައް ހުއްޓިފައި ވުމުގެ ނަތީޖާއަކީ ބަލި އެއްވެސް މީހެއްގެ ފުރާނައިގެ އިތުރުން މާބަނޑުވެ ވިހަން ވައްދާފައި ތިބި އެއްވެސް މީހެއްގެ ފުރާނަ އާ މެދުވެސް ޔަގީންކަން ނެތުމެވެ.

އޮކްސިޖަނެއް ނެތެވެ. ވެންޓިލޭޓަރުތަކާއި އިންކިއުބޭޓަރުތައް ހުރީ ހުއްޓިފައެވެ. ސިޒޭރިއަން ހަދަން ފަޅާލައިފިއްޔާ ފެހޭނެ ގޮތެއް [ތަކެއްޗެއް] ނެތެވެ. ބޭހެއް ނެތެވެ. އައްސިކުރާނެ އިންޖެކްޝަނެއް ނެތެވެ. ފެނެއް ނެތެވެ.

ގާޒާގެ އުތުރުގައި ހުންނަ އަލް އަހްލީ ހޮސްޕިޓަލް ފިޔަވައި ހުރިހާ ތަނެއް ވަށާލައި އިޒްރޭލު ސިފައިން ހަމަލާ ދެމުން އަންނަ އިރު ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް, އަލް ޝިފާގެ އައިސީޔޫގައި ތިބި 39 ކުދިން ވެސް އޮކްސިޖަން ހުއްވެ މިދުނި ދޫކޮށްފައި ވާ ކަމަށް ފަލަސްތީނުގެ އިދާރާތަކުން ވަނީ ބުނެފައެވެ.

ދުނިޔެއަށް އާދޭސް ކުރަމުން އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ވިދާޅުވީ, އެ ހޮސްޕިޓަލްގައި ތިބި ތުއްތުތުއްތު ކުދިންނަށް ބޭނުންވާ އޮކްސިޖަން ހުސްވެއްޖެ ކަމަށާއި އިތުރު ގޮތެއް ނެތިގެން ބްލޭންކެޓަކަށް ލައި އޮޅާލައި އެކުދިން ހޮސްޕިޓަލްގެ ތަޅުންގަނޑުމަތީގައި ބައިތިއްބާފައި ތިބި ކަމަށެވެ. ފަހަރަކު ކުއްޖަކު ފަހަރަކު ކުއްޖަކު މިދުނިޔެ ދޫކުރަމުން ދާ އިރު, އެ ތަންތަން ފުރާނަ ނެތް މަސްގަނޑުތަކަކުން ފުރިފައިވާ މޯގަކަސް ބަދަލުވަމުން ދާ ކަމަށެވެ.

ހަމަލާތައް ހުއްޓާލައި, ބޭހާއި އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ދޮކްޓަރުންނާއި ނަރުހުން ދަނީ އާދޭސް ކުރަމުންނެވެ.

ނަމަވެސް މިއަދުގެ މިހާތަނަށް އައި އިރު, އަލް އަހްލީ ހޮސްޕިޓަލް ފިޔަވައި ދެން ހުރި ހުރިހާ ހޮސްޕިޓަލެއް ވަނީ ހުއްޓިފައެވެ. އެއިން ކޮންމެ ތަނެއްގައި އެތައް ހާސް ބަޔަކު ތިބި އިރު އެ އެންމެނާއެކު މިހާރު އޮތީ އެ ތަންތަން ގަބުރުސްތާނަކަށް ބަދަލުވެ ނިމިދާނެ ކަމުގެ ކަންބޮޑުވުމެވެ.

އިޒްރޭލުހެ ހަމަލާތަކުގައި މިހާތަނަށް 11,100 މީހަކު ޝަހީދު ވެފައި ވާ އިރު ކުޑަކުދިންގެ އަދަދު 4500 އަށް އަރައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 41,000 އިމާރާތް ބިމާ ހަމަކޮށްލާފައި ވާ އިރު 222,000 އިމާރާތެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްލާފައެވެ. އެއީ ތޮއްޖެހި ބާރުވެފައި އޮތް މުޅި ގާޒާގެ ގާތްގަނޑަކަށް 45 ޕަސެންޓް އިމާރާތެވެ.

ތައުލީމު ފޯރުކޮށްދޭ 279 ތަނެއް ހަލާކު ކޮށްލާފައި ވާ އިރު 625,000 ކުދިންގެ ކިޔެވުން ބަންދުވީއެވެ.

އެންމެ ހޮސްޕިޓަލެއް ފިޔަވައި އެހެން ހުރިހާ ތަނެއް ހުއްޓުވާލައި 53 އެމްބިއުލާންސް ވަނީ ގޮއްވާލާފައެވެ.

ފެނާއި ނަރުދަމާ އަށް ބާލާއިރު މުޅި ގާޒާގެ ފެނުގެ ނިޒާމުގެ 90 ޕަސެންޓް ވަނީ ހަލާކު ކޮށްލާފައެވެ. ނަރުދަމާގެ 65 ޕަސެންޓް ވަނީ ހަލާކުކޮށްލާފައެވެ.

ތެލެއް, ހަނޑުލެއް, ހަކުރެއް ނެތެވެ. އެވްރެޖްކޮށް މީހަކަށް ދުވާލަކަށް ލިބެނީ 2 ބަނަހެވެ. ބޯނެ ފެނެއް ނެތެވެ. މަގުމައްޗަށް އެޅިފައި ހުންނަ ފެންފޮދު ފޮދާއި މޫދު ލޮނު ބޮއެގެން ގާޒާގެ ރައްޔިތުން މިވަގުތަށް ތަހަންމަލް ކުރަމުންދާ ހިތްދަތި ކަމުގެ މައްޗަށް ތަދުމަޑުކަން ކުރިމަތިވެ އަތްމަތި ހުސްވެ ހަދާނެ ގޮތް އެއްކޮށް ހުސްވެއްޖެއެވެ.

ހަނގުރާމައިގެ ކުރިން އެކިއެކި މަސައްކަތް ކުރަމުން ދިޔަ 390,000 އެއްހާ މީހުން މިހާރު ކުރާނެ މަސައްކަތެއް ނެތެވެ.

ގާޒާ ލޭގެ ކޯރެއްގައި ޣަރަގުވަމުން ދާ އިރު ހަނގުރާމަ ހުއްޓުމެއް ނެތް ކަމަށާއި, އޮތް ހަމައެކަނި ގޮތަކީ ފުރާނަ ސަލާމަތް ކުރަން ބޭނުން ނަމަ ގާޒާގައި ތިބި އެންމެން ފައިބައިގެން ދިޔުން ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. އަދި ހަނގުރާމަ އަށް ފަހު ގާޒާ ދެން އޮންނާނީ ޔަހޫދީންގެ އަތްދަށުގައި ކަމަށާއި އެތަނަށް އެހެން އެއްވެސް ބަޔަކަށް ބާރު ނުފޯރުވޭނެ ކަމަށް ވެސް އިޒްރޭލުން ވަނީ ބުނެފައެވެ.