ފަލަސްތީނުގައި އިޒްރޭލުގެ އާބާދީ ފުޅާކުރުމަށް އެ ގައުމުގެ ސަރުކާރުން ތަސައްވަރުކޮށްފައިވާ "ގްރޭޓާ އިޒްރޭލު" ޕްލޭން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
މިކަން ރައީސް ކުށްވެރި ކުރައްވާފައި ވަނީ މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ އިޒްރޭލުގެ ސަރުކާރުން އިއުލާން ކޮށްފައިވާ "ގްރޭޓާ އިޒްރޭލު" ގެ ތަސައްވުރު އިއުލާންކޮށް ނެރުނު ބަޔާން ހަރުކަށިކޮށް، އެ ސެޓްލްމަންޓާއި ގުޅޭ ހުރިހާ ކަމަކާ ދެކޮޅު ހަދާ ކަމަށެވެ.
ރައީސް ފާހަގަ ކުރެއްވި ގޮތުގައި އިންފްލެމޭޓަރީ ރިޓޮރިކްސް އާއި އެކު ނެރުނު މިފަދަ ބަޔާންތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވެސް ހިލާފު އަދި ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ނިންމުމެއް ނިންމުމުގެ ހައްގުތަކަށް ބުރޫއަރާ ވާހަކަތަކެއް ކަމަށެވެ.
އެއާއެކު ފަލަސްތީނުގެ ހައްގުތަކަށް ބުރޫއަރައި، އެމީހުން ތަހައްމަލުކުރަމުންދާ ތަކުލީފުތައް އިތުރުވަމުންދާތީ، މި ހައްދުފަހަނަޅާފައިވާ ހަމަނުޖެހުމުގައި، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް އަދި އެމީހުންގެ ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން އެއްބައިވަންތަވެ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ދިވެހިރާއްޖެއިން ފަލަސްތީނާއެކު ސާބިތުކަމާއެކު ކޮޅަށްތިބޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ. އަދި އިންސާފުވެރި، ފުރިހަމަ އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ، އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި، "ގްރޭޓަ އިޒްރޭލް" ގެ ހިޔާލާ ގުޅުން ހުރިތޯ ސުވާލުކުރުމުން، އެކަމަށް "ވަރަށް ބޮޑަށް" ޝައުގުވެރިކަން އެބަހުރި ކަމަށް ބުނުމުންނެވެ. އަދި އަދި އޭނާ ސިފަ ކޮށްފައި ވަނީ ޔަހޫދީންގެ ނަސްލުތަކާ ގުޅިފައިވާ ތާރީހީ އަދި ރޫހާނީ މިޝަނެއްގެ ގޮތުގައެވެ.
ނަތަންޔާހޫ މިހެން ބުނެފައި މިވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދިން ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި ޣައްޒާ މީހުންގެ އަދަދު ވަނީ 61،500 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މި ހަމަލާތަކުގައި އެކި ވަރުގެ ޒަހަމްތައް ލިބިގެން 153،200 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފަރުވާދީފައެވެ.