ފަލަސްތީނާއި އިޒްރޭލު މައްސަލައިގައި ހައްލެއް ހޯދުމަށް އދ. ގެ އެންމެ މަތީ ފަންތީގައި ބާއްވާ ބައްދަލުވުމަށް ވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވިސާ ނުދީ އެމެރިކާއިން ހިފަހައްޓައިފިއެވެ.

އދ. ގެ "ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގައި ރާއްޖެ ތަމްސީލް ކުރައްވާ ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި އޮތީ ޑރ. ޝަހީމް ނަމަވެސް ޝަހީމަށް ވިސާ ނުދީ ހިފެހެއްޓުމުން އެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރައްވަން މިހާރު ހަމަޖެހިފައި ވަނީ އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

މި ބައްދަލުވުން އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށް ދާއިރު، އާންމު އުސޫލުން ޝަހީމް ވިސާ އެޕްލިކޭޝަން ހުށަހަޅުއްވާފައި ވަނީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީއަށެވެ.

ވިސާ އެޕްލިކޭޝަނެއް ރިޖެކްޓު ކުރާނަމަ ނުވަތަ ބަލައިނުގަންނަ ނަމަ އެކަމެއް އެ މީހަކަށް އަންގާ ނަމަވެސް މިހާތަނަށް އައި އިރު ވެސް ޑރ. ޝަހީމްގެ ވިސާ އެޕްލިކޭޝަނަށް ވަކި ޖަވާބެއް ލިބިފައެއް ނުވާ ކަމަށް މައުލުމާތު ލިބެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ބައިވެރިވުމުން ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހައާއި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމެންދާ އެއްބާރުލުން ހާމަވެގެން ދާކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވެއެވެ.

ރާއްޖެއިން އަބަދުވެސް ދަނީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅުމަށްޓަކައި ވަކާލާތު ކުރަމުންނެވެ.