އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަަމަލާތައް ހުއްޓުވާ، އެ ގައުމުގެ އިގްތިސާދު ރަނގަޅުކޮށް، ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖަތަމައުން ހަރުދަނާ ނިންމުންތަކެއް ނިންމަމުންދާކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ފަލަސްތީނުގެ ގާޒާގެ ހާލަތު ނިމުމަކަށް ގެނެސް، އިތުރު ފިޔަވަޅުތައް އަޅުމާއެކު އެއްބާރުލުން ދިނުމަށް ނިއުޔޯކުގައި ބޭއްވީ އދ. ގެ "ހައި ލެވަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" އާއި ގުޅޭ ގޮތުން ނެރުއްވި ބަޔާނެއްގައެވެ. މި މަހުގެ 28 އިން 30 އަށް އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ސައުދީ އަރަބިޔާ އަދި ފްރާންސުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

މި ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ނިއުޔޯކު ޑިކްލަރޭޝަންގައި ފަލަސްތީނަކީ ކޮބައިކަމާއި، ފަލަސްތީނަށް މިނިވަން ދައުލަތެއް ގާއިމުކުރުމާއި، އަދި އދ. ގެ މެންބަރު ގައުމަކަށް ހެދުމަށް ބައިނަލްއަގްވާމީ ފަރާތްތަކުގެ ތާއިދު އޮތްކަން ހާމަވެގެން ހިގައްޖެކަމަށެވެ. އަދި މި ބައްދަލުވުމުގައި ހަރުދަނާ ގިނަ ނިންމުންތަކެއް ނިމިގެން ދިޔައިރު 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅާ، މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު އޮތުމަށް ރާއްޖެއިން އަބަދުވެސް ތާއިދުކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ރާއްޖެއިން ވަނީ ފަލަސްތީނުގައި އިޒްރޭލުން ގަސްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އަދި ގަތުލު އާންމު ނިންމުމަކަށް ގެނައުމަށް ޑިޕްލޮމެސީ އާއި މަލްޓިލޭޓަރަލިޒަމްގެ އުސޫލުތައް އިސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާފައެވެ.