ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާ ހެނދުނު 11 ޖަހާއިރު ބާއްވާ ޖަލްސާ އަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު މި މައްސަލައިގެ އިތުރުން މާދަމާ ހެނދުނު 9 އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމާއި ސަޕްލިމަންޓަރީ ބަޖެޓް ހުށަހެޅުން ވަނީ އެޖެންޑާކޮށްފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު އެޖެންޑާ ކުރިއެވެ. ނަމަވެސް އެ ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، އެ ގަރާރު ވަނީ ބޭރުކޮށްލާފައެވެ.

އޭގެ ފަހުން 11:30 އަށް ވެސް މި މައްސަލަ އެޖެންޑާކުރިއެވެ. އެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ބެލެހެއްޓެވިއިރު އޭނާ ވެސް ވަނީ ހެނދުނުގެ ޖަލްސާގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ބޭރުކޮށްލާފައިވާ ކަމަށް ބުނެ، މަޖިލިސް ޖަލްސާ ނިންމަވާލައްވައިފައެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ދެވަނަ ފަހަރަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އެޖެންޑާކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން، އެ ދުވަހުން ފެށިގެން ނަޝީދުގެ މައްސަލަ އެޖެންޑާކުރި ހުރިހާ ދުވަހަކު ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.