އަމިއްލަ ދިފާއުގެ ހައްގު އިޒްރޭލަށް އޮތް ނަމަވެސް މިހާރު އިޒްރޭލުގެ އަމަލުތައް މާ މައްޗަށް ގޮސްފި ކަމަށާއި ބޮން އަޅާ އަންހެނުންނާއި ކުޑަކުދިން މެރުން ހުއްޓާލުމަށް ފްރާންސުން އިޒްރޭލަށް ގޮވާލައިފިއެވެ.

ފްރާންސްގެ އެލީސީ ޕަލަސްއަށް ދެއްވި އިންތަވިއުއެއްގައި އެގައުމުގެ ރައީސް އިމެނުއަލް މެކަރޯން ވިދާޅުވީ، 'އިޒްރޭލު ހުއްޓާލަން' ޖެހޭ ކަމަށެވެ.

ހަނގުރާމަ ހުއްޓާލަން ޖެހޭކަން ހާމަ ކުރައްވައި އޭނާ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުން ފައިދާ ކުރާނީވެސް އިޒްރޭލަށް ކަމަށާއި އާންމު ރައްޔިތުން ހިމެނޭހެން އަންހެނުންނާއި ކުޑަކުދިން މެރުން މިހާރު މާ މައްޗަށް ގޮސްފި ކަމަށެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އެ ހަމަލާ ކުށްވެރިވެއް ކުރައްވައި އޭނާ ވިދާޅުވީ އެއީ އިޒްރޭލަށް އަމިއްލަ ދިފާއަށް ހަމަލާ ދެވޭނެ ސަބަބެއް ނަމަވެސް މިހާރު މާ މައްޗަށް ހިނގައްޖެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.

ފްރާންސަކީވެސް، އިނގިރޭސީންނާއި، އެމެރިކާ އާއި އަދި ހުޅަނގުގެ އެހެން ބައެއް ގައުމުތައް ފަދައިން ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ގަބޫލު ކުރާ ގައުމެކެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހަމަލާތައް ހުއްޓާލުމަށް އޭނާ ގޮވާލައްވައި ގޮވާލެއްވުމުގައި އެމެރިކާ ހިމެނޭހެން އިޒްރޭލުގެ އެހެން ބައިވެރިންވެސް ގޮވާލުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އެއެއް މިއެއް ނުބަލައި އިޒްރޭލުން ގާޒާ ސުންނާފަތި ކޮށްލުމަށް ދެ ހަމަލާތަކުގައި މިހާތަނަށް 11،078 މީހަކު ވަނީ ޝަހީދު ވެފައެވެ. 1.5 މިލިއަން މީހުން ވަނީ ގެދޮރު ނެރެލައި މަގުމަތި ކޮށްފައެވެ. ގާޒާގެ ދެބައިކުޅަ އެއްބައި އިމާރާތްތައް ބިމާ ހަމަކޮށްފައި ވާ އިރު ޒަހަމްވި މީހުންގެ އަދަދު 30،000 އަށް އަރައިގެން ގޮސްފިއެވެ. ނުފެންނަ ނުވަތަ އިމާރާތްތަކުގެ ދަށުގައި 4000 އެއްހާ މީހުންނާއި ކުޑަކުދިން ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އިޒްރޭލުން ބުނަނީ، އެމީހުން ހަމަލާ ދެނީ އާންމު ރައްޔިތުންނަށް ލިބޭނެ ގެއްލުން ކުޑަވާގޮތަށް ހަމާސްގެ މަގާމުތަކާއި ހަމާސްގެ މެންބަރުންނަށް ކަމަށެވެ. ނަމަވެސް ޝަހީދުވި މީހުންގެ ތެރޭގައި 5000 އެއްހާ ކުޑަކުދިން ހިމެނޭ އިރު އެއީ ހަމާސްގެ މެންބަރުންނަށް ވީ ގޮތެއް އިޒްރޭލަކަށް ބުނެއެއް ނުދެވެއެވެ. ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ބައިނަލްއަގުވާމީ އެތައް ޖަމާއަތަކުން ގާޒާގައި ހަރަކާތްތެރިވަމުން އަންނަ އިރު އެންމެ ފުޅާދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދޭ އދ ގެ ޖަމާއަތްތަކުގެ 100 މުވައްޒަފުން މަރާލައިފިއެވެ.

އދ ގައި އިންން ޔަހުދީ އެމްބެސެޑަރު ބުނެފައި ވަނީ އދ ގެ ސްޓާފުންނަކީވެސް ހަމާސްގެ މެންބަރުން ކަމަށެވެ. އަދި ޝަހިދުވި މީހުންގެ ތެރޭގައި ގިނައީވެސް ހަމާސްގެ މެންބަރުން ކަމަށާއި އެމީހުން އާންމުން އައްޑަނައަކަށް ހަދައިގެން ތިބޭތީ ކޮންމެވެސް ވަރަކަށް އާންމުންވެސް ޝަހީދު ވަނީ ކަމަށެވެ.