ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމަށް އެގައުމުގެ ކުރީގެ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާން ހަމަޖައްސައިފިއެވެ.

1998 ވަނަ އަހަރު ފްރާންސަށް ލިބުނު ފުރަތަމަ ވޯލްޑްކަޕް ތަށި ކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރި ޒިދާން ވަނީ މީގެ ކުރިން ސްޕެއިންގެ ރިއާލް މެޑްރިޑް ވެސް ކޯޗުކޮށްފައެވެ. ދެ ފަހަރެއްގެ މަތިން ރިއާލްގެ ކޯޗު ކަމާ އޭނާ ހަވާލުވި އިރު އޭނާ އެކްލަބް ދޫކޮށްލީ 2021 ވަނަ އަހަރުއެވެ. އޭނގެ ފަހުން ޒިދާން ކޯޗު ކަމެއް ނުކުރެއެވެ.

ފްރާންސްގެ ގައުމީ ޓީމާ ހަވާލުވާން ޒިދާން ދާދި އަވަހަށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބެލެވޭ އިރު 2028 ވަނަ އަހަރުގެ ޔޫރޯއާ 20230 ވަނަ އަހަރުގެ ވޯލްޑްކަޕަށް ފްރާންސް ގެންގޮސް ދިނުމާ އޭނާ ހަވާލުވާނެއެވެ.

ފްރާންސްގެ ކޯޗުކަން ލިބުނު ފަހުން ވާހަކަ ދައްކަމުން ޒިދާން ބުނީ ގައުމީ ޓީމާ ހަވާލުވުމަކީ ވަރަށް ވެސް ފަހުރުވެރިވާ ކަމެއް ކަމަށާ މިއީ އެހާމެ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ފްރާންސްގެ ގައުމީ ޓީމާ މެދު އޭނާގެ އުއްމީދުއާ އަމާޒު ބޮޑު ކަމަށް ވެސް ރިއާލް މެޑްރިޑްގެ ކުރީގެ ކޯޗު ބުންޏެވެ.

ޒިދާން ކޯޗު ކަމަށް ހަމަޖެއްސީ މިދިޔަ ވޯލްޑްކަޕަށް ފަހު އެޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. 2018 ވަނަ އަހަރު ފްރާންސްއަށް ވޯލްޑްކަޕް ހޯދައިދިން ކޯޗު ޑިޝޯމްޕަކީ ގައުމީ ޓީމާ އެންމެ ގިނަ ދުވަހު ހަވާލުވެގެން މަސައްކަތް ކުރި ކޯޗެވެ. އޭނާ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވީ 2012 ވަނަ އަހަރުއެވެ.

ނިމިދިޔަ ވޯލްޑްކަޕް ފޭވަރިޓުންގެ ގޮތުގައި ފެށި ފްރާންސް މުބާރާތް ނިންމާލީ ހަތަރު ވަނަ ހޯދައިގެންނެވެ.