މުސްލިމުންނަށް އިހާނެތިކޮށް ހިތާ، އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް ހިންގި ހަރަކާތެއްގެ ގޮތުގައި ޕެރިހުގެ ބައެއް މިސްކިތްތަކުގެ ދޮރުމައްޗަށް އޫރުގެ ބޯ އުކައިފިއެވެ.

އޫރަކީ މުސްލިމުންނަށް ހަރާމް ކުރައްވާފައި ވާ ޖަނަވާރެކެވެ.

ޔޫރަޕުގައި އެންމެ މުސްލިމުން ގިނަ ފްރާންސުގެ ބައެއް މިސްކިތްތަކުގެ ދޮރުމައްޗަށް އޫރުގެ ބޯ އުކާފައި ހުރި މައްސަލަ ފުލުހުން ބަލަން ފަށާފައި ވާއިރު މިކަމުގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.

ޕެރިހުގެ ޕީޖީގެ އޮފީހުން ބުނީ، ޕެރިހުގެ އާންމު ދެމިސްކިތެއްގެ ދޮރުމައްޗަށާއި ޕެރިހުން ބޭރުގައި ހުރި މިސްކިތެއްގެ ދޮރުމައްޗަށް ވެސް އޫރުގެ ބޯ އުކާފައި ހުރި ކަމަށެވެ. މީގެ އިތުރުން ޕެރިހުރެ އުތުރުބިތުގެ ސަރަހައްދެއްގައި ހުންނަ މިސްކިތެއްގެ ދޮރުމަތީގައި ސުއިޓްކޭހަކަށް (ފޮއްޓަކަށް) ލައިފައި އޮތް އޫރުގެ ބޮލެއް ފެނިފައި ވާ ކަމަށްވެސް ޕީޖީގެ އޮފީހުން ބުނެއެވެ.

އޫރުގެ ބޮލުގައި 'މެކްރޯން' ލިޔެފައި

މި ބޯތައް ފެނުނު ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެއްގައި 'މެކްރޯން' ލިޔެފައި އޮއްވާވެސް ފެނިފައި ވާކަމަށް އޮފިޝަލުން ބުނެއެވެ.

ފްރާންސުގައި ސިޔާސީ އޮއިވަރުވެސް ވަރުގަދަވެފައި ވާ މި ވަގުތަކީ، ފްރާންސް ހިމެނޭހެން ޔޫރަޕުގެ ގައުމުތަކުން ފަލަސްތީނަކީ ދައުލަތެއް ކަމަށް ބަލައިގަންނާނެކަން އިއުލާން ކޮށްފައި ވާ ވަގުތެކެވެ. އެހެންކަމުން މި އަމަލަކީ، އެކަމުގައި ފްރާންސުން ގެންގުޅޭ ސިޔާސަތާ ނުރުހިގެން ހިންގި އަމަލެއް ކަމަށް މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ.

ފްރާންސްގެ ދާހިލީ ވަޒީރު ބުރޫނޯ ރެޓައިލޫ ވިދާޅުވީ، މި ހާދިސާ އަކީ، ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ އިތުރުން ނަސްލީ ތަފާތުކުރުމުގެ ހާދިސާއެއް ކަމަށާއި، ފްރާންސުގައި ތިބި މުސްލިމުންނަށް މިނިވަންކަމާއެކު އެމީހުންގެ ދީނަށް އުޅެވެން ޖެހޭނެ ކަމަށެވެ. އަދި އެ ނުބައި އަމަލު ހިންގި ބަޔަކު އެ ކުރި ކަމެއްގެ ސަބަބުން މުސްލިމުން 'ދެރަވާނެ' ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.