އިނގިރޭސި ރަސްގެފާނު ޗާލްސް 3 ވަނަ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފްރާންސަށް ކުރެއްވި ދަތުރުފުޅެއްގައި ލޮބުސްޓާއެއް ފަރީއްކުޅުވަން 514 ހާސް އެމެރިކާ ޑޮލަރު ހަރަދު ކޮށްފިއެވެ.

ހުރިހާ ހަރަދެއް ފްރާންސުގެ ރައީސް އިމެނުއަލް މެކަރޯންގެ އޮފީހުން ކޮށްފައި ވާ އިރު އެގައުމުގެ އޮޑިޓް އޮފީހުން އާންމު ކުރި ހިސާބުތަކުން ދައްކަނީ, ޗާލްސްއާއި އޭނާގެ ޓީމު ފަރީއްކުޅުއްވި ބަލޫ ލޮބްސްޓާ އާއި ކަކުނި އަދި ޗީޒްގެ ބިލަށް 514,242 ޑޮލަރު ދައްކާފައި ވާ ކަމަށެވެ.

ރައީސްގެ ރަސްމީ އެކައުންޓުތަކުގެ ހިސާބުތަކާ ގުޅޭ އަހަރީ ރިޕޯޓު ބުނާގޮތުން މިބާވަތުގެ މަތީފަންތީގެ ފަރީއްކޮޅުތަކަށް ކަނޑައަޅާފައި އޮންނަ ބަޖެޓަށް ބުރެ އިތުރުވެ ޖުމްލަ 8.9 މިލިއަން ޑޮލަރަށް އަރާފައި ވެއެވެ.

ލޮބުސްޓާގެ އެފަރީއްކޮޅަށް ހަރަދު ކުރި ގޮތުގެ ތަފްސީލުތަކަށް ބަލާއިރު ކޭޓަރިން އަށް އެކަނިވެސް 178,631 ޑޮލަރު އަދި ބުއިންތަކަށް 43,304 ޑޮލަރު ހަރަދު ކޮށްފައި ވެއެވެ.

ޗާލްސް އާއެކު އެ ފަރީއްކޮޅުގައި މަޝްހޫރު ބައެއް ފަންނާނުން ކަމަށް ވާ ފިލްމީ ތަރި ހިއު ގްރާންޓް, ފްޓްބޯޅަ މެނޭޖަރު އާސަން ވެންގާ, ރޯލިން ސްޓޯންގެ ތަރި މައިކް ޖެގާ ހިމެނެއެވެ.

މި އީ އިނގިރޭސިވިލާތާއި ފްރާންސާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ސިލްސިލާގެ ދަށުން 3 ދުވަހަށް ރަސްގެފާނު ކުރެއްވި ދަތުރުފުޅެކެވެ.

މޯދީ އާއި މެކަރޯން ފަރީއްކޮޅުގައި

މެކަރޯންގެ އޮފީހުގެ ހަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓުގައި އެހެން ވެރިއަކަށް ވެސް ދެއްވާފައި މިފަދަ ޖާފަތެއް ފާހަގަ ކޮށްފައި ވެއެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ދެއްވާފައި ވާ 464,037 ޑޮލަރުގެ ފަރީއްކޮޅެވެ.

އޮޑިޓް އޮފީހުން ބުނީ, ރައީސް އޮފީހުން މިފަދަ ބޮޑެތި ހަރަދުތައް ކުރަމުން ގޮސްފައި ވާތީ އެ އޮފީހަށް ކަނޑައަޅާފައި އޮންނަ ބަޖެޓް މިދިޔަ އަހަރަށް ވުރެ 14 ޕަސެންޓް އިތުރު ވެފައި ވާ ކަމަށެވެ.