ފަރަންސޭސިވިލާތުގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ފާސްކުރި ގާނޫނު، އެ ގައުމުގެ އެންމެ މަތީ ކޯޓުން ބާތިލުކޮށްފިއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަރަންސޭސިވިލާތުގެ ކޮންސްޓިޓިއުޝަނަލް ކައުންސިލުން މި ގާނޫނު ބާތިލުކުރީ މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް ކަމަށް ކަނޑައެޅުމަށްފަހުއެވެ. މި ގާނޫނަކީ ކުޑަކުދިންގެ ސިކުނޑިއަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން، ޖުލައި މަހު އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރި ގާނޫނެކެވެ. މި ގާނޫނާއެކު ފަރަންސޭސިވިލާތް ވެގެން ދިޔައީ ޔޫރަޕުގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމަށެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޯން ކުރިން ނިންމަވާފައި އޮތީ އަންނަ ސެޕްޓެންބަރު މަހުން ފެށިގެން މަރުހަލާތަކަކަށް ބަހާލައިގެން މި ގާނޫނު ތަންފީޒުކުރެއްވުމަށެވެ. ނަމަވެސް ހުކުރު ދުވަހު ކޯޓުން ނިންމި ނިންމުމާ ގުޅިގެން، ކޯޓުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް އާ ބިލެއް އެކުލަވާލުމަށް މެކްރޯން ވަނީ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫއަށް އަންގަވާފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ކުރީކޮޅު މި އިސްލާހުތައް ތަންފީޒުކުރުމެވެ.

ގާނޫނުހަދާ މަޖިލީހުން މިދިޔަ މަހު ބިލު ފާސްކުރުމުން، ބޮޑުވަޒީރު ލެކޯނޫ ވަނީ ބިލުގެ ބައެއް މާއްދާތައް މުރާޖައާކުރުމަށް ކޮންސްޓިޓިއުޝަނަލް ކައުންސިލަށް ފޮނުއްވާފައެވެ. ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ކައުންސިލަކީ ގާނޫނުތައް ގާނޫނުއަސާސީއާ ފުށުއަރާތޯ ބަލާ އިދާރާއެވެ. އެ ކައުންސިލުން ބުނި ގޮތުގައި، ގާނޫނުގެ ފުރަތަމަ މާއްދާއަކީ 15 އަހަރުން ދަށުގެ ކުދިންގެ ހިޔާލުފާޅުކުރުމާއި މުއާސަލާތުކުރުމުގެ މިނިވަންކަމަށް އޮތް ހުރަހެކެވެ. އަދި އޮންލައިން ހިދުމަތްތައް ހޯދުމަށް އުމުރު ކަށަވަރުކުރުމަށް ގާނޫނުގައި ލާޒިމުކުރާ ކުރުމާމެދު ކަންބޮޑުވުން ފާޅުކޮށް، އެކަމުގައި ގާނޫނީ ގޮތުން ހުންނަންޖެހޭ ރައްކާތެރިކަން ގާއިމުކުރެވިފައި ނުވާ ކަމަށްވެސް އެ ކައުންސިލުން ފާހަގަކުރިއެވެ.

އަސްލު ގާނޫނުގައި ރާވާފައި އޮތީ ސެޕްޓެންބަރު މަހުން ފެށިގެން 15 އަހަރުން ދަށުގެ ކުދިންނަށް އާ އެކައުންޓުތައް ނުހުޅުވޭ ގޮތް ހެދުމަށާއި، ހުޅުވާ ހުރިހާ އާ އެކައުންޓުތަކެއްގެ އުމުރު ކަށަވަރުކުރުމަށެވެ. އަދި ޖެނުއަރީ މަހުން ފެށިގެން ކުރިން ހުޅުވާފައިވާ އެކައުންޓުތަކަށްވެސް މި އުސޫލު އަމަލުކުރުމަށެވެ. ނަމަވެސް މި ގާނޫނާ ދެކޮޅު ފަރާތްތަކުން ވަނީ ޕްރައިވެސީއާއި، އުމުރު ކަށަވަރުކުރާ ނިޒާމުތަކުގެ އިތުބާރުކަމާމެދު ސުވާލު އުފައްދާފައެވެ. އަދި ކުޑަކުދިން މި ނިޒާމުތަކުން ރެކިގެން އުޅުމުގެ ފުރުސަތު އޮތް ކަމަށާއި، ގާނޫނު އެކުލަވާލުމުގައި އަވަސްއަރުވާލާފައިވާ ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.

ޔޫރަޕުގެ އެހެން ގައުމުތަކުގައިވެސް ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ކޮންޓްރޯލްކުރުމަށް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ކިއާ ސްޓާމާ ޖޫން މަހު އިއުލާންކުރެއްވި ގޮތުގައި، 2027 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން އެ ގައުމުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާނެއެވެ. މީގެ އިތުރުން 16 އަހަރާއި 17 އަހަރުގެ ކުދިންނަށް ރޭގަނޑު ވަކި ގަޑިއަކަށްފަހު ސޯޝަލް މީޑިއާ ބޭނުންނުކުރެވޭ ގޮތް ހެދުމަށްވެސް ވަނީ އިއުލާންކުރައްވާފައެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލޭޔަން ވަނީ އީޔޫގެ ގައުމުތަކުގައި ކުޑަކުދިން ސޯޝަލް މީޑިއާއާ ދުރުކުރުމަށް އާ ގާނޫނުތަކެއް ތައާރަފުކުރާނެ ކަމަށް މެއި މަހު ވިދާޅުވެފައެވެ. މީގެ އިތުރުން، އޮސްޓްރޭލިއާއިން ވަނީ މިދިޔަ ޑިސެންބަރު މަހު 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ގާނޫނެއް ތައާރަފުކޮށްފައެވެ. ނަމަވެސް އެ ގައުމުގައި އަދިވެސް ގިނަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.