ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމާ ގުޅޭ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ

މި ގޮތަށް ހުކުމްކުރީ މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުންގެ އިއްތިފާގުންނެވެ.

އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދަން ނިންމާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަަމަށެވެ.

މީގެ އިތުރުން މަޖލީހުގެ ރިޔާސަތު މަޖިލީހުގެ ރައިސާއި ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވައިދުން ކަނޑައަޅަންޖެހޭ 5 މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް އެޖެންޑާ ކުރެވޭ މައްސަލައިގެ ގަރާރު ހުށަހަޅާ ބަހުސްކޮށް ގޮތެއް ނިންމަން ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނު އަސާސީންނާއި ގާނޫނުން އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެނިހެން ކަންކަން ކުރަން ރައްޔިތުންގެ މަޖިލީހަށް އެއްވެސް ހުރަހެއް ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައީސާއި ނައިބު ރައީސް ނޫން މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛް މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ހުސްނުއްސުއޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދެކޮޅަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް 3 ފަރާތަކުން ތަދައްޚުލުވެފައިވެއެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ

އެމްޑީޕީން މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވުމުން، އެ ހާލަތުގައި އެހެން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ގޮތެއް ކަނޑައަޅައިދިނުމަށް އެދިއެވެ.

ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާތީ އީވާ ވަނީ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަން ހާމަކުރައްވައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އަށް ސިޓީ އެއް ވެސް ފޮނުއްވައިފައެވެ.