އަންނަ ޑިސެމްބަރު މަހުން ފެށިގެން 1 ލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފެންފުޅި ރާއްޖޭގައި އުފެއްދުމާއި ރާއްޖެއަށް އެތެރެކުރުން މަނާ ވާނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލައި އެކި ތާރީހުތަކަށް ބަހާލައިގެން ސަރުކާރުން ދަނީ އެ ތަކެތި މަނާކުރަމުންނެވެ.

އެގޮތުގެ މަތިން އަންނަ މަހުގެ އެކަކުން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފެންފުޅި ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުން ވަނީ މަނާކޮށްފައެވެ. އަދި އަންނަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެތަކެތި ބާޒާރަށް ނެރުން މަނާ ވާނެ ކަމަށް ވެސް އެންވާރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ. އެއާއެކު ރާއްޖޭގައި އާންމުކޮށް ވިއްކާ އުޅޭ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި އެތެރެ ކުރުމާއި ވިއްކުން މަނާ ވާނެއެވެ.

ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކޮށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު ތަސްދީގު ކުރައްވާފައިވަނީ 2020 ވަނަ އަހަރުއެވެ.

އެއާއެކު މިހާރުވެސް ވަނީ އެއްފަހަރު ބޭނުން ކުރާ ބައެއް ޕްލާސްޓިކް ތަކެތި އުފެއްދުމާއި ވިއްކުން މަނާ ކޮށްފައެވެ. އޭގެތެރޭގައި ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި ހިމެނެއެވެ.

އަދި ހަމައެހެންމެ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީއާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު، 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި، ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރުގެ އިތުރުން50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕު އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން ވެސް ހިމެނެއެވެ.