ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް، އެމެރިކާގެ ހަވާއީއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ބްލޫ ޕްލެނެޓް އެލަޔަންސްގައި ދިވެހިރާއްޖެ ބައިވެރިވެ، އެފަރާތުން ބާއްވާ ފެލޯޝިޕް ޕްރޮގްރާމްގެ ޖަލްސާގައި، ހާއްސަ މެހެމާނެއްގެ ގޮތުން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ހަވާސާގައި ކުރިއަށްގެންދާ ގިނަ ހަރަކާތްތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ގައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު، އެ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.
ހަވާއީގެ ހޮނަލޫލޫގައި މިމަހުގެ 18 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ މިފަދަ ގޮތަކަށް މި ޕްރޮގްރާމް ކުރިއަށް ގެންދާ 4 ވަނަ ފަހަރެވެ.
ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުމަށާއި، އެކަމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށް އިންސާނީ ވަސީލަތް ބިނާކުރުމާއި، އައު ޓެކްނޯލޮޖީތައް ތައާރަފްކޮށް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މާލީ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމަށް، ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ ކަރަންޓަށް ބޭނުންވާ 33 އިންސައްތައަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ކަރަންޓު ކަމަށް ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގައުމީ އަމާޒެއް ކަނޑައަޅުއްވާފައެވެ. މިގޮތުން، މި އުއްމީދީ މަގްސަދޔ ހާސިލުކުރުމަށްޓަކައި މަގުޗާޓެއް އެކުލަވާލައި، މި މަގުޗާޓު ތަންފީޒު ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކާއި މަޝްރޫއުތައްވެސް މިހާރުވެސް ދަނީ ހިންގަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 68 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްކޮށްފައިވާއިރު، މިފަދަ އިތުރު މަޝްރޫއުތައްވެސް ދަނީ ކުރިއަށެވެ.